ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ތެރެއިންވެސް، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާތައް އިތުރުވަމުން ދިއުމަކީ މިއަދު އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕޭން ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
Ministry of Health, Family and Welfare@MoHmvAs part of the 16 Days of Activism against Gender-Based Violence, the Ministry of Health, Family and Welfare, in collaboration with @UNFPAMaldives , introduced the GBV AI Assistant — a digital tool designed to support health professionals with guidance and information to …


އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ޑިޖިޓަލް ދުނިޔޭގައި ހިންގާ ނޭދެވޭ ޢަމަލުތަކުގެ އަސަރު ޙަޤީޤީ ދިރިއުޅުމަށް ކުރާ ކަމަށެވެ. އެހެންކަމުން، އޮންލައިން އަދި އޮފްލައިން މާޙައުލަކީވެސް އަނިޔާއަށް އެއްވެސް ޖާގައެއް ނެތް ތަނަކަށް ހެދުމަށް ގައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން، ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގައި އަނެކާގެ ކަރާމާތާއި ރައްކާތެރިކަމަށް އިސްކަންދީ، ޒިންމާދާރުވުމަށް އެންމެހައި ފަރާތްތަކަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ "އެކުއެކީ" ޕްރޮގްރާމާއި، ކަމާބެހޭ ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސައްކަތް ސަރުކާރުން ބާރަށް ކުރިއަށްގެންދާ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުންގެ ޚަބަރުތައް ރިޕޯޓުކުރުމަށް މީޑިއާތަކަށް ގައިޑްލައިނެއް ހަދައި ތަމްރީނު ދިނުމާއި، ޝަރުޢީ ދާއިރާގެ ބޭފުޅުންނަށް ޚާއްޞަ ތަމްރީނުތަކެއް ދެވިފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ވަނީ ޔޫއެންއެފްޕީއޭއާ ގުޅިގެން "ދަ ވާރޗުއަލް އިޒް ރިއަލް" ޕްލެޓްފޯމާއި، ޖެންޑަރ ބޭސްޑް ވަޔަލެންސްއާ ދެކޮޅަށް މަޢުލޫމާތު ފޯރުކޮށްދޭ ޚާއްޞަ ޗެޓްބޮޓް "ރާޙް" އިފްތިތާޙުކޮށްފައެވެ. މި ވަސީލަތްތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކޮންމެ އަންހެނަކަށްވެސް ކަރާމާތާއި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، މި ޙައްޤު ޙިމާޔަތްކުރުމަކީ މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާ ޤައުމީ ވާޖިބެއް ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.