ފަންސަވީސް އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމީ ދާއިރާއިން މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކު ފެނިގެންދާ ދިވެހި ފިލްމު "ކީއްވެ؟" މިރޭ ރަސްމީކޮށް ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެ އެވެ. ރާއްޖޭގެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ކުރިއަށް އޮތް ތިން ޝޯގެ ޓިކެޓް މިހާރު ވަނީ އެއްކޮށް ވިކި ހުސްވެފައެވެ.
ސްލޭމް ސްޓޫޑިއޯ، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަ މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައިވަނީ އޮކްޓޯބަރު 30 ގައެވެ. އަދި ފިލްމުގެ ޓިކެޓް ވިއްކަން ފަށާފައިވަނީ އޮކްޓޯބަރު 31 ގައެވެ. ޓްރެއިލާއިން ފެނިގެންދާ ގޮތުގައި، މި ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އާއިލީ ގުޅުންތަކާއި ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށެވެ.
އާންމު ދިވެހި ފިލްމުތަކާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލައި އުފައްދާފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން މޫސާ މަނިކުގެ އިތުރުން ދިވެހި ސިނަމާގެ ފުންނާބު އުސް ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ހިމެނެއެވެ.
އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމަކީ ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށްފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފް ވެސް ޑައިރެކްޝަނަށް އެނބުރި އައި ފިލްމެވެ. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ އެގްޒެކްޓިވް ޑައިރެކްޓަރުންނަކީ ހުސެން ނޫރައްދީން، އަލީ ޝާނިޒް އަދި ހުސެން މުނައްވަރު (ކިޑް) އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.