ވ. ތިނަދޫގައި ހިންގާ ގެސްޓްހައުސްއެއްގައި އެއް ޖިންސުން ކައިވެނިކޮށްދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.

ތިނަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ 'އިކޯބޫ މޯލްޑިވްސް' ގެސްޓްހައުސްގައި މިދިޔަ ހޯމަ ދުވަހު އެއް ޖިންސުން ދެ އަންހެނުން ކައިވެނިކުރުމުގެ ހަފްލާއެއް ބާއްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގައި މިހާރު ވަނީ އެދިފައެވެ.

އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހަރަކާތްތައް ރާއްޖޭގެ އެއްވެސް ތަނެއްގައި ހިންގުމަކީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ހުއްދަކުރާ ކަމެއް ނޫން ކަމަށް ކައުންސިލުން ފާހަގަކުރިއެވެ. އަދި މިފަދަ އަމަލެއް އެ ރަށުގައި ހިންގުމަކީ ތިނަދޫއާ މެދު ނުރަނގަޅު ތަސައްވުރެއް އުފެދި، އާންމު ރައްޔިތުންނަށާއި ރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ތިނަދޫގެ އާންމު ސަރަހައްދުތަކާއި ގެސްޓްހައުސްތަކުގެ ކުރިމަތީގައި އޮންނަ ގޮނޑުދޮށް ބޭނުންކުރުމުގެ ހުއްދަ ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި ވެސް، އެ ސަރަހައްދުތައް ބޭނުންކުރަން ވާނީ ގާނޫނާއި ގަވާއިދުތަކުން ހުއްދަކުރާ ހަރަކާތްތައް ހިންގުމަށް ކަމަށް ބަޔާންކޮށްފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އިސްލާމްދީނާއި ގާނޫނާ ޚިލާފު ހަރަކާތްތަކަށް އެ ކައުންސިލުން ދުވަހަކު ވެސް ތާއީދުނުކުރާނެ ކަމަށާއި، މި މައްސަލައިގައި ކައުންސިލްގެ އިހުތިސާސުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ރާއްޖޭގެ ރިސޯޓެއްގައި ވެސް ދާދި ފަހުން އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ޚިލާފު އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ މާއްދިއްޔަތުގެ ތެރެއަށް ވައްޓާލައި، އިސްލާމީ ޝަޚްސިއްޔަތު ކިލަނބުކޮށްލަން ހިންގާ މިފަދަ ކަންކަމުން ގައުމު ސަލާމަތްކުރުމުގައި އެންމެން ސާބިތުވެ ތިބުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.