ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައިވަނީ ތިނަދޫ ކައުންސިލު ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު 2:00އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30އިން އިރުއޮއްސި 6:00އަށް ފޯމު ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28ވަނަ ދުވަހުގެ ހެނދުނު 8:00އިން ހަވީރު 4:00އާ ހަމައަށެވެ. ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ޝުޖާޢު ޢަލީ ދަ ޑިމޮކްރެޓްސްގައި ހުރުމަށްފަހު އިދިކޮޅި އެމްޑީޕީއާ ގުޅިވަޑައިގަތުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރައްވާނެކަން ޝުޖާއު ވަނީ އިއުލާންކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު