ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑި ގެއްލުނު ޝުޖާއު އަލީއަށް، އެ މަގާމުގެ ބައި-އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ކަށަވަރުވެއްޖެއެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައިވާ ގޮތުން، ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓަށް އެދި ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، ޕްރައިމަރީއަކާ ނުލައި ޝުޖާއު އަލީއަށް ވަނީ އެ ޓިކެޓު ލިބިފައެވެ. ޝުޖާއުއަކީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިޚާބުވުމަށްފަހު އެމްޑީޕީއަށް ގުޅުމާ ގުޅިގެން ގޮނޑި ގެއްލުނު ބޭފުޅެކެވެ. އޭނާއަކީ މީގެ ކުރިން ވ. އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ހުސްވެފައިވާ ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގެ އިތުރުން ހއ. ވަށަފަރު، ވ. ތިނަދޫ، ނ. ކުޑަފަރީ އަދި ސ. ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަގާމުތަކަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ވ. ތިނަދޫ އަންހެނުންގެ ކޮމިޓީގެ މެންބަރުކަމުގެ ޓިކެޓު ވެސް ވަނީ އެންމެ ފަރާތަކުން ކުރިމަތިލުމުން ކަށަވަރުވެފައެވެ. އެ މަގާމަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވީ ވ. ތިނަދޫ، ހަތާ، ރިސްފާ ނަސީމަށެވެ.

ސ. ހުޅުދޫ އަންހެނުންގެ ކޮމިޓީގެ މެންބަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓު ހޯދުމަށް ދެ މީހަކު ވަނީ ކުރިމަތިލައިފައެވެ. އެއީ ސ. ހުޅުދޫ، އަންބަރީގެ، ފާތިމަތު މުނީރުގެ އިތުރުން ސ. ހުޅުދޫ، ލައިނޫފަރުގެ، ފާތިމަތު އިމްރަތު ޝަރީފެވެ.

އެ މަގާމަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 14:30 އިން ރޭގަނޑު 20:00 އަށެވެ.