ހުޅުމާލޭގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް މަދުކޮށް، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބައެއް މަގުތަކުގައި އަލަށް ސްޕީޑު ބްރޭކަރު (ބަންޕަރު) އެޅުމާއި، ހުރި ބަންޕަރުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ މި މަސައްކަތަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ހުޅުމާލޭގައި އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ސަރަޙައްދުތައް ފާހަގަކޮށް، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަނީ ބަންޕަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުގެ ދަށުން ބަންޕަރު އެޅުމުގެ އިތުރުން މަގުމަތީގެ މުހިންމު ނިޝާންތައް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިފަހަރު އަޅަމުންދަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެކެވެ. މީގެކުރިން ހަރުކުރި ރަބަރު ބަންޕަރުތަކުގެ ސަބަބުން އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވި ނަމަވެސް، އޭގެ ޑިޒައިނާއި މެޓީރިއަލްއާ މެދު ޢާންމުންގެ ޝަކުވާތަކެއް ހުރުމުން ފަހުން އެ ތަކެތި ވަނީ ނަގާފައެވެ.

އެޗްޑީސީން ބުނީ މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށެވެ.

މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށްޓަކައި އެއްގަމު ދަތުރުފަތުރުގެ ޤަވާޢިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ހަރުދަނާކުރަމުންނެވެ. އެގޮތުން، ބާރުދުވެލީގައްޔާއި ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ. މީގެއިތުރުން، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ޤަވާޢިދުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ވެސް ފުލުހުން މިހާރު ވަނީ ތައްޔާރުވެފައެވެ.