ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިހާރު ހަމަޖައްސާފައިވާ ޚާއްސަ ހެލްތު އިންޝުއަރެންސް ސްކީމަކީ އާސަންދައިގެ ނިޒާމާ އަޅާބަލާއިރު ދައުލަތަށް މާ ބޮޑަށްވެސް ޚަރަދު ކުޑަ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ އާންމު ރައްޔިތުންނަށް ނުލިބޭ، އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް މަޖިލިސް މެންބަރުންނަށް އޮންނާތީ، އެ ޕެކޭޖު އުވާލުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނަކަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ.
މި ޕެޓިޝަނަށް ބަހުސް ކުރެއްވި މެންބަރުން ވަނީ އާންމު ރައްޔިތުންނަށް ނުލިބޭ ބޮޑެތި އިނާޔަތްތަކެއް ނެންގެވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރު އޮތް އިންޝުއަރެންސް އުސޫލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭ ފައިސާގެ މިންވަރު މެންބަރުން ވަނީ ތަފާސްހިސާބުތަކުން ސާފުކޮށްދެއްވާފައެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، މެންބަރުންގެ އިންޝުއަރެންސަކީ އާސަންދައިން ބޭރުން ނަގާފައިވާ ޕެކޭޖެއް ކަމަށެވެ. މި ޕެކޭޖުގެ ލިމިޓަކީ ކޮންމެ މެންބަރަކަށް 1.35 މިލިއަން ރުފިޔާ ނަމަވެސް، އެ ޚިދުމަތަށް ދައުލަތުން އިންޝުއަރެންސް ކުންފުންޏަށް އަހަރަކު ދައްކަން ޖެހެނީ މެންބަރަކަށް އެންމެ 24،000 ރުފިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އާސަންދަ ނިޒާމުގެ ދަށުން ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަންޖެހިއްޖެނަމަ، އަހަރަކު 6 މިލިއަން ނުވަތަ 10 މިލިއަން ރުފިޔާ ވެސް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުވާ ކަމަށެވެ. އެހެންކަމުން މެންބަރުން އިންޝުއަރެންސް ޕެކޭޖެއްގައި ތިއްބެވުމަކީ ދައުލަތަށް މާ ބޮޑަށް ފައިދާހުރި ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ވާހަކައަށް ބާރުދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ، މެންބަރުންގެ އިންޝުއަރެންސަށް ދައުލަތުން މަހަކު މެންބަރަކަށް ދައްކަވަނީ އެންމެ 2،000 ރުފިޔާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ހިނގާ ބޮޑެތި ޚަރަދުތައް ހަމަޖައްސަނީ އިންޝުއަރެންސް ކުންފުނިން ކަމަށްވާއިރު، މެންބަރުން އާސަންދަ ބޭނުންކުރަން ފަށައިފިނަމަ ދައުލަތުގެ ޚަރަދު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުން ދައުލަތުގެ އެކި މަގާމުތަކުގެ ޒިންމާތަކަށް ބަލައި މުސާރައާއި އިނާޔަތްތަކުގައި ތަފާތުތަކެއް ހުރުމަކީ ހަމަޖެހިފައި އޮންނަ އުސޫލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕެޓިޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރައްޔިތުންގެ އިތުބާރު މަޖިލީހަށް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، މެންބަރުން އަމިއްލައަށް އިނާޔަތްތައް ކަނޑައެޅުމުގެ ބަދަލުގައި، މިނިވަން އޮޑިޓަކުން ނުވަތަ މިނިވަން މުއައްސަސާއަކުން އެކަންކަން ކަނޑައެޅޭނެ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ތާއީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މެންބަރުން ވަނީ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާއިރު، އާސަންދައިން ބައެއް ފަރާތްތަކަށް ހަމަޖެހޭ ޓިކެޓާއި އެކޮމޮޑޭޝަން އަދި ކެއުމުގެ ޚަރަދުތައް މަޖިލިސް މެންބަރުން އަމިއްލަ ޖީބުން ހަމަޖައްސަވާކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބަހުސް ނިންމަވާލައްވަމުން ގިނަ މެންބަރުން ވަނީ، ރައްޔިތުންނާއި މެންބަރުންނާ ދެމެދު ނުރަނގަޅު ތަސައްވުރެއް އުފެދި މަސްލަހަތު ގެއްލޭ ފަދަ ގޮތްގޮތަށް ކަންކަން ސިފަނުކުރުމަށް އެދިވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.