ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އަހާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައިފިއެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް މި އިސްލާހު ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ގަވާއިދަށް މި ބަދަލު ގެންނަން ހުށަހެޅި އިސްލާހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވައިފައެވެ.
މަޖިލީހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ގަރާރުތަކާމެދު އަމަލުކުރަނީ އާންމުކޮށް ބިލުތަކާމެދުވެސް އަމަލުކުރާ އުސޫލުން، ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ކުރިއަށްގެންދާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ގަރާރު ބަލައިގަތުމާމެދު ވޯޓަށް އަހައި، ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވަނީއެވެ.
ނަމަވެސް ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހުގައިވަނީ މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ އެ ގަރާރެއްގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. އަދި މަޖިލީހަށް ގަރާރު ބަލައިނުގަންނަން ނިންމައިފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި އެ ގަރާރެއް ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ ކުއްލި މައްސަލަތަކެކޭ އެއްގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސްކުރުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ ފަރާތަކުން ބޭނުންނުވާނަމަ ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މަޖިލީހުގެ ގަވާއިދަށް މި ބަދަލު އަންނާނީ އާންމު ކޮމިޓީން އެ އިސްލާހު ދިރާސާކޮށް ނިންމުމަށްފަހު ތަޅުމުން ފާސްކުރުމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.