ކުޅުދުއްފުށި ސިޓީ ޖެޓީ ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ކޮންކްރީޓް އަދި ކޮލަމްގެ މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށްޓަކައި 14 މާޗް 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ ގޮތުން 1,531 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން ލަކުޑި ޖެޓީތައް ފުޅާކުރުމާއި ޖެޓީތަކުގެ މެދުގައި ލަކުޑި ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އެއްގަމުތޮށި މަރާމާތުކުރުމާއި ސްޕަން ޕައިލް އިތުރަށް ދިގުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 12.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ސަރުކާރުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 250 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގުހެދުމާއި އެއާޕޯޓުތައް ތަރައްގީކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ އިތުރުން ބިން ހިއްކުމާއި ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތާއި ބަނދަރު ހެދުމުގެ ގިނަ މަޝްރޫއުތަކެއްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.