އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށްޓަކައި 54 އަހަރުގެ އަންހެނަކު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު އިއުލާނުކޮށްފިއެވެ.

ފުލުހުން ހާޒިރުކުރަން ބޭނުންވަނީ މާލޭ މ. ގޯބިލިގަސްދޮށުގެ، ސަލީމާ ސަލީމް (54އ) އެވެ. އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ވަނީ ރައްދުކުރެވޭ ގޮތް ނުވެފައެވެ.

އޭނާ ހޯދަމުން ދަނީ ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުންނެވެ. ފުލުހުން ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ސަލީމާ ހާޒިރުވުމަށް އަންގައިފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އެންޓި-ސްކޭމް ސެންޓަރަށް ނުވަތަ ފުލުހުންގެ ހޮޓްލައިނަށް ގުޅައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.