ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) ގެ ބައި-އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އީސީން ކުރި އިއުލާނެއްގައި ވާގޮތުން، ވޯޓާސް ލިސްޓު އާންމުކޮށްފައިވަނީ ހއ. ވަށަފަރު، ނ. ކުޑަފަރި، ވ. ތިނަދޫ އަދި ސ. ހުޅުދޫގެއެވެ.
އާންމުކުރި ލިސްޓުގައިވާ ގޮތުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދުތަކަކީ:
- ސ. ހުޅުދޫ: 2،903 މީހުން
- ހއ. ވަށަފަރު: 688 މީހުން
- ނ. ކުޑަފަރި: 653 މީހުން
- ވ. ތިނަދޫ: 185 މީހުން
އީސީން ހާމަކުރި ގޮތުގައި، މި ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް، އެ ކޮމިޝަނުގެ 'މައި ޕޯޓަލް' މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހަމަޖައްސާފައިވަނީ ހާއްސަ 'ސިމެދަ ޕޯޓަލް' މެދުވެރިކޮށެވެ.
ކޮމިޝަނުން އިތުރަށް ބުނީ، ރަޖިސްޓްރީއަށް މީހަކު އިތުރުކުރުމަށް، އުނިކުރުމަށް ނުވަތަ މައުލޫމާތެއް ބަދަލުކުރުމަށް ހުށަހަޅާއިރު، އެ ކަމެއް ސާބިތުކޮށްދޭ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަންނަ މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވޭތޯ ބެލުމަށްޓަކައި، VR ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް އައިޑީކާޑު ނަންބަރު ޖަހައިގެން 1414 އަށް އެސްއެމްއެސް (SMS) ކުރެވޭނެއެވެ. މީގެއިތުރުން ސަރުކާރުގެ ގެޒެޓުންނާއި އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ވެބްސައިޓުން ވެސް މި ލިސްޓު ބައްލަވައިލެއްވޭނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.