މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި، މާލެއާއި އަތޮޅުތައް ހިމެނޭހެން ޖުމްލަ 10 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިއީ އެކި ސަބަބުތަކާހުރެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ހަތަރު ދާއިރާއެއްގައި ބާއްވާ ބައި-އިލެކްޝަނެކެވެ.
ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ:
-
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަދި އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް
-
ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް
-
ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް
މީގެއިތުރުން، ނ. ކުޑަފަރި އަންހެނުންގެ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލީ އެންމެ ކެންޑިޑޭޓަކު ކަމަށްވާތީ، ވޯޓަކާ ނުލައި އެ ގޮނޑި ވަނީ އެ ކެންޑިޑޭޓަށް ކާމިޔާބުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުގައި ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލޭގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި، ވަށަފަރުގައި 1 ފޮށި އަދި ވ. ތިނަދޫގައި 1 ފޮށްޓެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާނީ ކަލާފާނު ސްކޫލާއި ހުޅުމާލެ ސީއެޗްއެސްއީގައެވެ. އަދި އަތޮޅުތަކުގައި ވޯޓުފޮށި ބަހައްޓާނީ ހުޅުދޫ ކޮމިއުނިޓީ ސެންޓަރުގެ އިތުރުން ވަށަފަރާއި ވ. ތިނަދޫގެ ސްކޫލްގައެވެ.
މި އިންތިޚާބުގައި ވާދަކުރާ ކޮންމެ ދާއިރާއަކުން ދެ ކެންޑިޑޭޓުން ވާދަކުރާއިރު، ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ ޖުމްލަ 3،776 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫން 2،903 މީހުންނާއި، ވަށަފަރުން 688 މީހުންގެ އިތުރުން ވ. ތިނަދޫން 185 މީހުންނެވެ.
މި ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.