މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ކަޅުބިލަ މަސް ކިލޯއެއް ގަންނަނީ 23 ރުފިޔާއަށް ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން ވިދާޅުވީ، މިއަދު އެ ކުންފުނިން ކަޅުބިލަ މަސް ކިލޯއެއް ގަންނަނީ، 23 ރުފިޔާއަށް ކަމަށެވެ. އަދި 10އާއި 15 ކިލޯގެ ބޮޑު ކަންނެލި ގަންނަނީ، ކިލޯއެއް 20 ރުފިޔާގެ ރޭޓުން ކަމަށެވެ. ބޮޑު ކަންނެލި 15 ކިލޯއަށްވުރެ މަތިނަމަ ކިލޯއެއް ގަންނަމުންދަނީ، 25 ރުފިޔާގެ ރޭޓުން ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މިއަދު މިފްކޯއަށް މަސް ގަންނަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫ ބަނދަރު، މ. މުލަކު ބަނދަރު އަދި ހއ. އިހަވަންދޫ ބަނދަރުންނެވެ.

އިޝްތިހާރު އިޝްތިހާރު

ނޮވެމްބަރު 01 ވަނަ ދުވަހަކީ، މިފްކޯގެ އަހަރީ ދުވަސްކަމަށްވާއިރު އެ ކުންފުނިން އަންނަނީ މަސްވެރިންނަށް ރަނގަޅު އަގެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރިންނަށް ދޭ އެހެނިހެން ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަސްވެރިން އިތުބާރު ކުރާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށް ކުންފުންޏަށް ހެޔޮ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ.

ފާއިތުވި މަސްތަކުގައި މިފްކޯއިން ކަޅުބިލަމަހުގެ އަގަށް ގެނައި ބަދަލުތައް:
• 17ރ އިން 18.50ރ އަށް - 7 ޖޫން 2026
• 18.50ރ އިން 20ރ އަށް - 9 ޖޫން 2026
• 20ރ އިން 21ރ އަށް - 29 އޮގަސްޓް 2026
• 21ރ އިން 22ރ އަށް - 22 ސެޕްޓެމްބަރު 2026

މަހުގެ އަގަށް ދެމެހެއްޓެނި ބަދަލެއް ގެނައުމަށް އެންމެ މުހިންމީ، މަސް ފިނިކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރުމެވެ. މިއާއެކު މަސް ޕްރޮސެސް ކުރެވި ރާއްޖެއިން ބޭރަށް ރޯ މަހުގެ ބަދަލުގައި އަގު އެއްކޮށްފައިވާ މަސް ބޭރުކުރުމަކީ، މަހުގެ އަގު ދިވެހިން އަތްމަތީގައި ބޭއްވުމަށް މުހިންމު ކަމެކެވެ. ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަނީ، މަސްވެރިކަމުގެ ސިނާޢަތުގެ ޖުމްލަ އަމާޒަކީ މިއީ ކަމުގައި ބަލައިގެންނެވެ.