މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް މިހާރު ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫޢަކީ ޖުމްލަ 18.98 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތު ފަޅުތެރޭގައި އޮޑިދޯނިފަހަރާއި ލޯންޗުތައް ގާތްކުރުމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ހިންގާ މަޝްރޫޢެކެވެ. މިގޮތުން، މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނީ 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓިމްބަރ ޕްލޭންކްސް (ޑެކް) އެޅުމާއި، ވާ އައްސާ ބޯލާޑް ހަރުކުރުމުގެ އިތުރުން ލައިޓްތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢު އެއްކޮށް ނިމުމުން، އުތުރު ފަރާތު ބަނދަރު ބޭނުންކުރާ ޢާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ޚާއްޞަކޮށް ބަނދަރުގެ ތޮއްޖެހުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މީގެއިތުރުން، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އެރުމަށްޓަކައި މަގަތުގައި އޮންނަ އެހެން އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ޙައްލެއް މި ޖެޓީތަކުގެ ސަބަބުން ލިބިގެންދާނެއެވެ.

އަދި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ އިސްރަށްވެހިންގެ އިތުރުން ބޮޑެތި ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް އުޅަނދުތަކަށް އަރައިފޭބުމުގައި ބޮޑު ލުޔެއް ލިބި، ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ބަނދަރުގެ ޖާގަ ތަނަވަސްވެ، އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ފަސޭހަކަމާއެކު ޖެޓީއާ ގާތްކުރެވޭނެ އިންތިޒާމު ހަމަޖެހުމުން، ކަނޑުދަތުރުފަތުރުގެ ދުވެލި ކުރިއަށްވުރެ އަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.