11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 912.15 މިލިއަން ރުފިޔާއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 11 ރަށެއްގެ މަގުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ތާރު އެޅުމާއި ސީޓީބީ އަޅައިގެން މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މަގުތައް ތަރައްޤީކުރާ ރަށްތަކާއި ތަފުޞީލު:

  1. ރ. އިންނަމާދޫ: 2.60 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން

  2. އއ. ފެރިދޫ: 2.11 ކިލޯމީޓަރުގެ 3 މަގެއްގައި ތާރު އެޅުން

  3. ބ. ކެންދޫ: 2.23 ކިލޯމީޓަރުގެ 6 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން

  4. އއ. މަތިވެރި: 2.35 ކިލޯމީޓަރުގެ 10 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން

  5. ށ. ބިލެތްފަހި: 2.46 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން

  6. ރ. ރަސްގެތީމް: 2.12 ކިލޯމީޓަރުގެ 6 މަގެއްގައި ތާރު އެޅުން

  7. ބ. ދަރަވަންދޫ: 2.55 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން

  8. ނ. މަގޫދޫ: 2.11 ކިލޯމީޓަރުގެ 4 މަގެއްގައި ތާރު އެޅުން

  9. ފ. ފީއަލި: 2.46 ކިލޯމީޓަރުގެ 10 މަގެއްގައި ތާރު އެޅުން

  10. ށ. މާއުނގޫދޫ: 3.25 ކިލޯމީޓަރުގެ 7 މަގެއްގައި ތާރު އެޅުން

  11. ކ. ދިއްފުށި: 2.36 ކިލޯމީޓަރުގެ 5 މަގެއްގައި ސީޓީބީ އާއެކު ވެލި އެޅުން

މި މަޝްރޫޢުގެ ސަބަބުން މި ރަށްރަށުގައި ޒަމާނީ ފެންވަރުގެ މަގުތަކެއް ތަރައްޤީކުރެވި، ޚާއްޞަކޮށް، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ، ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް ކުރިމަތިވާ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. މީގެއިތުރުން، މިއީ އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށް، ކާމިޔާބު އެތައް މަޝްރޫޢެއް ނިންމާފައިވާ ކުންފުންޏެކެވެ.