ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި، ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމުގެ ގޮތުން ސްމާޓް އައިޑީ ކާޑު ތަޢާރަފުކުރުމާއި ޤައުމީ ފެންވަރުގެ ކްލައުޑް ޑޭޓާ ސެންޓަރެއް ޤާއިމުކުރުމަށް ހިމަނައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަޝްރޫޢުތަކެކެވެ.
ބަޖެޓު ބަޔާން ހުށަހަޅުއްވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތެއްގައި ޓެކްނޮލޮޖީގެ އެހީގައި ސަރުކާރު ހިންގުން ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ތަޞައްވުރެއް ކަމަށެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އެކި ދާއިރާތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޤައުމުގެ ޑިޖިޓަލް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޤާއިމުކުރެވޭ "ނެޝެނަލް ސޮވްރިން ކްލައުޑް ޑޭޓާ ސެންޓަރު" ގެ ސަބަބުން މަޢުލޫމާތު ރައްކާތެރިކުރެވިގެންދާނެ ކަމަށެވެ. އަދި ޒަމާނީ "ޑިޖިޓަލް އައިޑެންޓިފިކޭޝަން ސިސްޓަމް" ނުވަތަ "ސްމާޓް އައިޑީ ކާޑު" ތަޢާރަފުވުމުން ޚިދުމަތްތައް ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި، "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލު" އަދި "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލުތައް ފާސްވެ ޤާނޫނަކަށް ވުމުން، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި ރައްކާތެރިކަމާއެކު ޑޭޓާ ޙިއްޞާކުރުމުގެ ނިޒާމު އެކުލަވާލެވި، "ޑިޖިޓަލް ފަސްޓް" ސިޔާސަތުގެ ދަށުން ސަރުކާރުގެ އެންމެހައި އިދާރީ ހިންގުން ޓެކްނޮލޮޖީގެ ޒަރީއާއިން ޒަމާނީ ފެންވަރަކަށް ބަދަލުވެގެންދާނެއެވެ.
މީގެއިތުރުން، މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހިންގާ 'ސްމާޓް ޓްރެފިކް އެންފޯސްމަންޓް ސިސްޓަމެއް' ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢާ ގުޅުވައިގެން 'ގްރޭޓަރ މާލެ ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭން' ތަންފީޒުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
މާލީ ވަޒީރު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުތައް ތަންފީޒުވުމުން ރާއްޖޭގެ ޑިޖިޓަލް ވިއުގަ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.