ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ވެރިފައިކުރުމުގެ މަސައްކަތް ނިންމައި، ފޯމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ހަމަޖައްސައި، އެކަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު އިޢުލާންކޮށްފިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތުޅާދޫގައި އިމާރާތްކޮށްފައިވާ މި ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ "ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ އެއްގޮތަށެވެ. އެ ވުޒާރާއިން ބުނީ، 11 ޖަނަވަރީގައި ކުރި އިޢުލާނާ ގުޅިގެން ހުށަހެޅި ފޯމުތައް މިހާރު އެ އުސޫލުގެ ދަށުން ވެރިފައިކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، ފޯމު ހުށަހެޅި ފަރާތްތަކަށް ހިޔާވެހި ޕޯޓަލް (hiyaavehi.housing.gov.mv) އަށް ލޮގިންވުމުން، އެ ފަރާތެއްގެ ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ފެންނަން ހުންނާނެއެވެ.

ތުޅާދޫ ހައުސިންގ ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު ހުޅުވާލުމަށްފަހު، އެ މުއްދަތު ހަމަވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި 100 ހައުސިންގ ޔުނިޓަށް އެދި ޖުމްލަ 347 އެޕްލިކޭޝަން ވަނީ ހުށަހަޅާފައެވެ.

އިޝްތިހާރު އިޝްތިހާރު

ތުޅާދޫގެ ހައުސިންގ ޔުނިޓުތައް ދޫކުރުމުގެ މައްސަލައަކީ މީގެކުރިންވެސް ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މައްސަލައެކެވެ. އެގޮތުން، ފްލެޓް ދޫކުރުމުގެ އުސޫލަށް ކުރިން ގެނައި ބަދަލުތަކަކީ ޤާނޫނާ ޚިލާފު ބަދަލުތަކެއް ކަމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކުރިން ޙުކުމްކޮށްފައެވެ. އަދި ކުރިން ޢާންމުކުރި އުސޫލަށް ޢަމަލުކުރުމަށް ކޯޓުން އަމުރުކުރި ނަމަވެސް، އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ރައްޔިތުންނާ ޙަވާލުކުރެވިފައެއް ނުވެއެވެ. މި މައްސަލަތައް ބޮޑުވުމާ ގުޅިގެން، ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ މުޅި މަސައްކަތާ އެ ވުޒާރާއިން އަލުން ޙަވާލުވެ، މިހާރު މި މަސައްކަތް ކުރިއަށް ގެންދަނީ އަލަށް އެކުލަވާލި ހަރުދަނާ އުސޫލެއްގެ ދަށުންނެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ލިބިފައިވާ ޕޮއިންޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ހުށަހަޅަންވާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އިޢުލާން ކުރި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. އެއީ ނޮވެމްބަރު 16 ވާ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އަދި ހިޔާވެހި ޕޯޓަލް ނޫން އެހެން އެއްވެސް ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.