ރާއްޖޭގެ ތާރީޚުގައި އެޅޭ އެންމެ ބޮޑު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ތިލަމާލެ ބުރިޖު މަޝްރޫޢުގެ %80.32 މަސައްކަތް ނިމިއްޖެއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ޑެކަށް ބޭނުންވާ ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް މި ބުރިޖުގެ މަސައްކަތް މުޅިން ނިންމުމަށެވެ.
ބުރިޖުގެ ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން %98.53 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ގުޅިފަޅުގައި ޤާއިމުކޮށްފައިވާ ބުރިޖު ސައިޓުގައެވެ. މީގެ އިތުރުން، އެއް ތަނބު އަނެއް ތަނބާ ގުޅާލުމަށް ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ %88 މަސައްކަތް ވަނީ ނިންމާފައެވެ.
ވިލިމާލެއާއި ގުޅީފަޅު ގުޅާލުން މި މަހުގެ ނިޔަލަށް
ބުރިޖު މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތަކީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމެވެ. ބިނާރާ ބެހޭ ވުޒާރާއިން ބުނީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ މި ބުރިޖުގެ އެންމެ ފަހު ސެގްމަންޓް މި މަހުގެ ތެރޭގައި އިންސްޓޯލްކޮށް، މި މަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅީފަޅު ގުޅާލެވޭނެއެވެ.
މާލެއިން ވިލިމާލެއަށް ގުޅާލާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ.
މުޅި ތިލަމާލެ ބުރިޖު މަޝްރޫޢުގައި ޖުމްލަ 6.7 ކިލޯމީޓަރު ތަރައްޤީކުރެވެއެވެ. މީގެ ތެރޭގައި ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްރަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ. ވިލިމާލެއިން ގުޅިފަޅަށް ގުޅާލާ ބުރިޖަށްފަހު، ގުޅިފަޅުން ތިލަފުއްޓަށް 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހު 600 މީޓަރުގެ ބުރިޖަކުން ގުޅާލެވޭނެއެވެ.
ބުރިޖު ގޮސް ރަށްރަށާ ގުޅޭ ހައިވޭއާއި މަގުތައް ހެދުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖް ގުޅޭ ސަރަޙައްދު ހިމާޔަތްކުރުމަށް ޖަހާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތެވެ.
500 މިލިޔަން ޑޮލަރުގެ މި ބޮޑު މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.