ބްރެޒިލްގައި ބޭއްވުނު އާންމު އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބްރެޒިލްގެ ވެރިކަމަށް ރައީސް ލޫލާ ދަ ސިލްވާ ހޮވިވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އެމަނިކުފާނަށް ހޫނު މަރުހަބާއަކާއި ތަހުނިޔާ ވަނީ ވިދާޅުވެފައެވެ.
އަދި މި ކާމިޔާބީއަކީ އެ ގައުމުގެ ރައްޔިތުން ރައީސް ލޫލާ ދަ ސިލްވާގެ ގިޔާދަތާއި ގަޤައުމީ ހިދުމަތަށް ކުރާ ވަރުގަދަ އިތުބާރު ދައްކުވައިދޭ ހެއްކެއްކަމަށް ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގައުމުގެ ކުރިއެރުމަށް އެމަނިކުފާނު ކުރައްވާ ބުރަ މަސައްކަތްޕުޅާއި ސާބިތުކަމަކީ ތައުރީފު ހައްގު ކަންކަން ކަމުގައި ބަޔާންކުރައްވައި، ރައީސް ލޫލާގެ މި އައު ރިޔާސީ ދައުރަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސް ލޫލާ ދާ ސިލްވާއަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ބްރެޒިލްގެ ރައްޔިތުންނަށް ފާގަތިކަމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މީގެކުރިން 2003 އިން 2010 އަށް ބްރެޒިލްގައި ވެރިކަން ކުރެއްވުމަށް ފަހު، 2022 ވަނަ އަހަރު އަލުން އިންތިހާބު ކާމިޔާބު ކުރެއްވި ލޫލާގެ ރިޔާސީ ހަތަރުވަނަ ދައުރު ފަށްޓަވާނީ 2027 ޖަނަވަރީ 5 ގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.