ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރާ ސާމާނުން 5 އަހަރު ދުވަހަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

"އެމްއެސްއެމްއީ ސެކްޓަރގައި މަސައްކަތް ކުރާ ވިޔަފާރިތަކުން ރާއްޖެއަށް އިމްޕޯޓް ކުރާ ރޯމެޓީރިއަލްސްތަކަށް އައިޓަމްތަކަށް ލުއިދިނުމުގެ ގޮތުން، އައިޓަމްތަކުގެ ފުރިހަމަ ލިސްޓެއް ހަދާ، އެލިސްޓުގައިވާ ބާވަތްތަކަށް 0 އިންސައްތަ ރޭޓުގައި އިމްޕޯޓް ޑިއުޓީ ނަގާ ގޮތަށް 1 ޖަނަވަރީ 2027 އިން ފެށިގެން ފަސް އަހަރު ދުވަހަށް ކަނޑައަޅާ ގޮތަށް ސަރުކާރުން މިވަނީ ނިންމާފައި" ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ވަހާކަފުޅު ފެށުމުގެ ގޮތުން ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވެ ވަނަތައް ހާސިލްކުރި ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަން އެކްސްޕޯގެ ތެރެއިން ފެނިގެންދާ ކަމަށެވެ. ޝައުޤުވެރި ބުރަ ފަންނީ މަސައްކަތްތަކެއް ގިނަ ފަރާތްތަކުން ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ މިދައިރާގައި ގިނަ އަދަދެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރަކާތްތެރިވަމުންދާކަން ފާހަގަކޮށްފައެވެ. އެސްއެމްއީތައް ކުރިއެރުވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކޮށް އެމަނިކުފާނު ވިދާޅުވީ އުފެއްދުންތެރިކަމުގައި ކުދި އަދި މެދުފަންތީގެ ދައުރު ފުޅާކުރުމަކީ އަމާޒެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން މިދައިރާއަށް މީހުން ވެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެސްއެމްއީ ވިޔަފާރިތަކާއި ބައްދަލުކުރައްވާ އެފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވައި މިހާތަނަށް ބައެއް ހައްލުތައްވެސް ހޯދިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ލުއިތައް ދިނުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަން ހާމަކޮށްފައެވެ. ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު 3 ލުޔެއް ދޭން ނިންމާފައެވެ.

ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރުގެ މަސައްކަތެއްކޮށް ފައިސާ ނުލިބިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަަށެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭ ގޮތަށް ނުވަތަ އަޅާ ކިޔާ ކެނޑޭ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ނިންމައި ޤާނޫނާއި ޤަވާއިދުތަކަށް މިކަން ކުރުމަށް ގެންނަންޖެހޭ ބަދަލު ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ސާމާނަށް އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރިކަމުގައި ދައިރާއިން ރާއްޖޭގައި ޖީޑީޕީގައި ހިއްސާކުރާ މިންވަރު 2030 ވަނަ އަހަރާއި ހަމައަށް 15 އިންސައްތައަށް އިތުރު ކުރުމެވެ. މިއަމާޒު ހާސިލްކުރުމަށް މިއަހަރުގެ ތެރޭގައިވެސް އެސްއެމްއީތަކަށް ލުއި ދިނުމަށް ބައެއް ކަންކަން ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި އެސްއެމްއީތަކުން ކޯޓާ ފީ ދެއްކުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ވަޒީފާއާއި ބެހޭ ޤާނޫނު ވަނީ އިސްލާހު ކޮށްފައެވެ.