މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެރައިޒް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ގްރިޑް-ޓައިޑް ސޯލާ ޕީވީ ނިޒާމުތައް ޤާއިމުކުރުމަށް ސްޓެލްކޯއާއި ޗައިނާގެ ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު ޕަވަރ ޕާޗޭސް އެގްރީމަންޓެއް (ޕީޕީއޭ) ގައި ފަހުން ސޮއިކޮށްފިއެވެ.
ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް ފަރުމާކޮށް، ބިނާކުރުމާއި، ފައިނޭންސްކުރުމުގެ އިތުރުން ހިންގައި ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ދެ ލޮޓަކަށް ބަހާލައިގެނެވެ.
ލޮޓް 1 ގައި ހިމެނޭ ރަށްތަކަކީ: ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަަށް އަދި ލ. ދަނބިދޫ އެވެ.•
ލޮޓް 2 ގައި ހިމެނޭ ރަށްތަކަކީ: ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫ އެވެ.
މި މަޝްރޫޢުގެ ސަބަބުން މި ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކާބަން ބޭރުވާ މިންވަރު ދަށްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މި މަޝްރޫޢަކީ ބާރުދޭނެ ކަމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.