އދ. މަހިބަދޫގައި މިހާރު އޮޕަރޭޓް ކުރަމުންދާ ނަރުދަމާ ނިޒާމު މަރާމާތުކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު، ސްޓެލްކޯއާއި ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ވަނީ، ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ ޢަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޒިރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، ސްޓެލްކޯއާ ހަވާލުކޮށްގެން މިދިޔައީ އދ. މަހިބަދޫގައި އޮޕަރޭޓްކުރަމުންދާ ނަރުދަމާ ނިޒާމުގެ މަސައްކަތް އަޕްގްރޭކުރުމުގެ މަސައްކަތް ކަމަށެވެ. ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުތަކަށް ގިނަ ދުވަސްވެފައި ހުރި ރަށްތައް އަދިވެސް އެބަހުރި ކަމަށާއި އެފަދަ ނިޒާމުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"އދ. މަހިބަދޫއަކީ ހަމަ އާބާދީވެސް ބޮޑު ފުދޭވަރެއްގެ ދުވަސްވީ ނިޒާމެއް އޮތް ރަށެއްވީމަ އަޅުގަނޑުމެން މިބަލަނީ މިގޮތައް ހުރި ރަށްރަށުގެ މަރާމާތުކުރުމަށް މި ކުރެވޭ މަސައްކަތުގެ ތެރެއިން އެހެން ބައެއް ރަށްރަށްވެސް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން. އެގޮތުން ނަރުދަމާ ނިޒާމުގައި ހުރި ހޮޅިތަކާއި، ޕަންޕް ސްޓޭޝަންތަކާއި އަދި މަހިބަދޫއަށް ސްޓްރީޓްމަންޓް ޕްލާންޓުތަކާއި އެއްކޮށް މަހިބަދޫގައި މި ނިޒާމް އެކުލެވިގެން މިދަނީ." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ، 21,572,640.09 (އެކާވީސް މިލިއަން ފަސް ލައްކަ ހަތްދިހަ ދެ ހާސް ހަ ސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ، ސޮއިކުރާ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައެވެ.