އިސްލާމީކަންތައްތަކާ އައުގާފާ ބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޒެންޒިބާރުގެ ވަފުދަކާ ބައްދަލުކުރައްވައި، އިސްލާމީ މުހިންމު ދާއިރާތަކުން، ހާއްސަކޮށް އިސްލާމިކް ފައިނޭންސާއި، ޒަކާތާއި، ވަގުފް ތަރައްގީކުރުމުގެ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރެއްވި މި ވަފުދުގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޒެންޒިބާރު ޓްރެޒަރީ ސުކޫކް އެސްޕީވީ، އިޙްސާން ތަކާފުލް އެންޑް ފައިނޭންޝަލް ސަރވިސަސް އަދި ޒެންޒިބާރު އިކޮނޮމިކް އެމްޕަވަރމަންޓް އޭޖެންސީގެ ޗެއަރމަން ސީޕީއޭ ޖުމާ ޢާމިރު މުޙައްމަދާއި، ޒެޑްއައިސީ ތަކާފުލް ޝަރީއާ އެޑްވައިޒަރީ ބޯޑުގެ ޗެއަރމަން އަދި ވަގުފް އެންޑް ޓްރަސްޓް ކޮމިޝަންގެ ބޯޑު މެންބަރު ޑރ. ޢަބްދުﷲ ޢުއްސީ ޙަމަދުގެ އިތުރުން ޒެޑް.އައި.ސީ ތަކާފުލް ޝަރީއާ އެޑްވައިޒަރީ ބޯޑުގެ މެންބަރު ޑރ. ރަޖަބް ޢުމަރު ރަޖަބެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް، ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް، މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރ، ޔާމީން އިދުރީސް އަދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު އައްޝައިޚް އިމްތިތާޢު ޢައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ވަނީ އެ ވަފުދުގެ ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވައި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެބޭފުޅުން ކުރެއްވި ޒިޔާރަތާއި ދެއްވި ޝައުގުވެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޒެންޒިބާރުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ފާހަގަކުރުމުގެ މައްޗަށްކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ. ހާއްސަކޮށް، އިސްލާމިކް ފައިނޭންސް ހިދުމަތްތައް ކުރިއެރުވުމާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމާއި، ދެމެހެއްޓެނިވި ވަގުފް އިންވެސްޓްމަންޓް އުސޫލުތައް ތަރައްގީކުރުމާއި، އިސްލާމީ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ވުޒާރާއިން ބުންޏެވެ.