ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން، ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ތިން މިސްކިތެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލައި، ނަމާދުކުރާނެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މި މިސްކިތްތަކުގެ މަސައްކަތްތައް ނިންމައި އަވަހަށް ހިދުމަތް ދިނުމަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ދީލަތި ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ބިނާކުރަމުންދާ "މަސްޖިދު މާޔާ" ގެ އަމަލީ މަސައްކަތްތައް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވުމަށް އަމާޒު ހިފާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހެޔޮއެދޭ ފަރާތަކުން ބިނާކުރާ "މަސްޖިދު ޢާއިޝާ (ރަޟިޔަﷲ ޢަންހާ)" އާއި، ދެވަނަ ފިޔަވަހީގެ "އަމާން އުދަރެސް" ސަރަހައްދުގައި އިމާރާތްކުރަމުންދާ މިސްކިތް ވެސް، އަންނަ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްތަކާ ބައްދަލުކުރުމުގެ ކުރިން އާންމުންނަށް ހުޅުވައިލެވޭނެއެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ރާއްޖޭގެ އެކި ހިސާބުތަކުން 14 ވަރަކަށް މިސްކިތް ހުޅުވޭނެކަމަށް ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދީނީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މިސްކިތްތަކާއެކު، ހާއްސަކޮށް ރަމަޟާން މަހު ހުޅުމާލޭގައި ދިމާވާ ޖާގައިގެ ދަތިކަމަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ.