ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގެ އިންތިޒާމުތައް ފައިނަލްކުރުމުގެ ގޮތުން ސަޢޫދީ ސަރުކާރުގެ ޚާއްޞަ މަންދޫބަކު ދާދިފަހުން ރާއްޖެ ވަޑައިގެން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މުޅިންވެސް ސަޢޫދީ ސަރުކާރުގެ ޚަރަދުގައި ބާއްވާ މި މުބާރާތް އިންތިޒާމުކުރުމަށް އެ ޤައުމުން ވެދެއްވާ ދީލަތި އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތަކީ ސަރަޙައްދީ ފެންވަރުގައި ޤުރުއާން ހިތުދަސް ބައިވެރިން އެއްތަނަކުން ބައްދަލުވެ، ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ލިބޭނެ ވަރަށް އަގުހުރި ފުރުޞަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މި މުބާރާތުގެ ސަބަބުން އިސްލާމީ ތަޢުލީމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ސަރަޙައްދީ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވެގެންދާނެ ކަމަށާއި، މިފަދަ މުބާރާތެއް ކޮންމެ އަހަރަކުވެސް ބޭއްވުމަކީ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފައްޓަވާފައިވަނީ މިއަހަރުގެ އޯގަސްޓް މަހު ވަޒީރު ޝަހީމް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚާ ބައްދަލުކުރައްވައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފެންވަރުގެ މިފަދަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި މިހާރުވެސް ސަނަދު ޙާޞިލްކޮށްފައިވާ 300 އަށްވުރެ ގިނަ ޙާފިޡުން އެބަތިއްބެވެ. އަދި އިތުރު 1800 އަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް އަންނަނީ ކީރިތި ޤުރުއާން ހިތުދަސްކުރަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.