އެމެރިކާގެ މަޝްހޫރު ޔޭލް ޔުނިވަރސިޓީގައި ބޭއްވި ވޯލްޑް ސްކޮލާސް ކަޕުގެ "ޓޯނަމަންޓް އޮފް ޗެމްޕިއަންސް" ގައި ރާއްޖޭގެ ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ބައިވެރިވެ، ދުނިޔޭގެ ފެންވަރުގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކަކާއެކު ރާއްޖެއަށް ރީތިނަމެއް ހޯދައިދީފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ އެންމެ މޮޅެތި ދަރިވަރުންގެ އިލްމީ ގާބިލުކަމާއި އުފެއްދުންތެރިކަން ވަޒަންކުރާ މި މުބާރާތުގައި 400 އަށްވުރެ ގިނަ ޓީމާއި 1,200 އަށްވުރެ ގިނަ ދަރިވަރުން ވާދަކުރިއެވެ. މުޅި ރާއްޖެ ތަމްސީލުކޮށް މި މުބާރާތުގެ ފައިނަލް ބުރުގައި ވާދަކޮށްފައިވަނީ ބިލަބޮންގް ހައިގެ ހަތަރު ދަރިވަރުންނެވެ.
މުބާރާތުގައި "ޓީމު 365" ގެ ގޮތުގައި ވާދަކުރި ކާހިލް އަސީލް، އައިޒް އަލީ އަޒްވަރު އަދި ބިލާލް ޝަފްރާޒް ވަނީ ދުނިޔޭގެ އެންމެ މޮޅު 15 ޓީމުގެ ތެރޭގައި ހިމެނި، މުޅި މުބާރާތުން 13 ވަނަ ހޯދާފައެވެ. އެ ޓީމުން މުބާރާތް ނިންމާލީ 27 ރަން މެޑައްޔާއި 2 ރިހި މެޑަލް ހާސިލްކޮށްގެންނެވެ. މީގެއިތުރުން، އެހެން ޓީމެއްގެ ތެރެއިން ވާދަކުރި އެ ސްކޫލުގެ ދަރިވަރު އައިޝަތު އަލީޝާ ވެސް ވަނީ އެއް ރަން މެޑައްޔާއި ދެ ރިހި މެޑަލް ހޯދައި، ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ.
ވަކިވަކި ދަރިވަރުންގެ ބައިން ބަލާއިރު، ކާހިލް އަސީލް ވަނީ ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފައެވެ. އޭނާ ވަނީ 1,200 އަށްވުރެ ގިނަ ދަރިވަރުންނާ ވާދަކޮށް ދުނިޔޭގެ 13 ވަނަ ހޯދައި، މުބާރާތުގެ ހަ މާއްދާއިން ވެސް ރަން މެޑަލް ކާމިޔާބުކޮށްފައެވެ. ޖުމްލަ 14 އަށްވުރެ ގިނަ ރަން މެޑަލް ހޯދި ކާހިލް ބުނީ، މިއީ ދިވެހި ދަރިވަރުންނަށް ވެސް ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެކަން ސާބިތުކޮށްދެވުނު ފަޚުރުވެރި ވަގުތެއް ކަމަށާއި، މި ކާމިޔާބީގެ އަސްލަކީ ޓީމާއި މުދައްރިސުން އަދި އާއިލާގެ އެއްބާރުލުން ކަމަށެވެ.
ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ޝަހީމް ވަނީ މި ހަތަރު ދަރިވަރުން ދެއްކި ހިތްވަރަށާއި ހޯދި މަތީ ވަނަތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ހަމައެކަނި ސްކޫލަށް ލިބުނު ޝަރަފެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވެސް ލިބުނު ވަރަށް ބޮޑު ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.