އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށާއި އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ ބާވަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން ކުރާ މަސައްކަތުގައި އެޖެންޓުން މުހިންމު ދައުރެއް އަދާކުރާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެސްޓީއޯގެ މުދާ ރަށްތަކަށް ފޯރުކޮށްދިނުމުގައި އެޖެންޓުން ދަނީ، ހަރަކާތްތެރިވަމުންނެވެ.
އެސްޓީއޯއިން ރަށްރަށުގައި އެޖެންޓުން ހަމަޖައްސާފައިވަނީ، އެކުންފުނިން ވިއްކާ މުދާ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގެ ރަށްތަކުންވެސް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
ސަރުކާރަށް 3 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ، އެކުންފުނީގެ މާލެ ފިހާރައެކޭ އެއްގޮތަށް އެ އަގުގައި އަތޮޅުތެރޭގެ ރަށްތަކުންވެސް މުދާ ލިބޭނެކަން ކަށަވަރު ކުރަމުންދާ ކަމަށެވެ. ޝިމާދު ވިދާޅުވީ، އެޖެންޓުން މެދުވެރިކޮށް ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމަކީ އެސްޓީއޯއަށް ވަރަށް ފަރިތަކަމެއް ކަމަށެވެ. ކާޑު، ގޭސް އަދި ތެޔޮ ފޯރުކޮށްދިނުމަށްވެސް އެސްޓީއޯއިން ދަނީ އެޖެންޓުން ބޭނުން ކުރަމުންނެވެ.
"އަޅުގަނޑުމެން އެބަ ބަލަން އެޖެންޓުންނަށް ސަސްޓެއިނަބަލް ގޮތަކަށް އެ ވިޔަފާރި ކުރެވޭތޯ. އަޅުގަނޑުމެން ވަކި ވަރަކަށްވުރެ ކުޑަ ގޮތަކަށް އެޖެންޓުންނަށް މުދާ ފޯރުކޮށްނުދޭ ކަމަށްވަންޏާ އެޖެންޓުންނަށް ނޯންނާނެ ނާލު ލައިގެން އެމީހުންގެ އޯވަރ ހެޑްއަށް ޕޭ ކޮށްގެން މުދާތައް ރައްޔިތުންނަށް ތާޒާކަމާއިއެކު އަދި ފައިދާވާ ގޮތަކަށް ވިއްކޭކަށް. އެޖެންޓުންނާއި މިއޮންނަ ސަޕޯޓުގެ ދަށުން ބައެއް އެރޭންޖުމަންޓް އެޖެންޓުންނަށް ދޭނެ. ކުދިކުދި ކާގޯތައް ރަށްތަކަށް ގެންދިއުމަކީ، ވަރަށް ހަރަދު ބޮޑު ކަމެއް އެހެންވީމަ ނާލު ފޯރުކޮށްދިނުމާއި އަދި އެޖެންޓުންގެ ވިޔަފާރިއަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެއީ އަޅުގަނޑުމެން ކުރާކަމެއް." ޝިމާދު
ޝިމާދު ވިދާޅުވީ، އެ ކުންފުންޏާއި ރައްޔިތުންނާއި ދޭތެރޭ އޮންނަ މެދުވެރިއަކީ އެޖެންޓުން ކަމަށެވެ. އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަކީވެސް އެސްޓީއޯއިން އެޖެންޓުންނަށް ކަނޑައެޅި އެންމެ މުހިންމު ބޭނުމެވެ. އެޖެންޓުންގެ ގޮތުގައި އައްޔަން ކުރަނީ، ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ، އަސާސީ ކާބޯތަކެތީގެ ލިސްޓަށް 26 ބާވަތެއް އިތުރު ކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ، 10 ބާވަތެއްގެ ތަރުކާރީއާއި، 10 ބާވަތެއްގެ މޭވާގެ އިތުރުން އިތުރު 6 ބާވަތެކެވެ. މިތަކެތި ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް މިހާރު ދަނީ، ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.