ރާއްޖޭގައި އަލަށް ތައާރަފްކުރި ބަންކަރިންގެ ވިޔަފާރިން އަހަރަކަށްވުރެ އަހަރެއް ލިބެމުންދާ މާލީ މަންފާ ބޮޑުވަމުންދާކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2024 ގައެވެ.

ޤައުމުގެ އިޤްތިޞާދީ ދާއިރާތައް ފުޅާކޮށް، ބޭރު ފައިސާ ވަންނަ ދޮރުތައް އިތުރުކުރުމުގެ މަޤްޞަދުގައި ތައާރަފްކުރި މި މަސައްކަތް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. މި ޚިދުމަތް ދިނުމަށް ޚާއްސަ އުޅަނދެއް ބޭނުންކޮށްގެން އޮފްޝޯކޮށް އެސްޓީއޯއިން ފެށި މި ވިޔަފާރިއަށް ބޯޓުފަހަރުން އޮތް ޑިމާންޑް ބޮޑުވެ، ލިބޭ ޖުމްލަ ފައިދާ ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ޕީއެސްއެމްގެ "ހަފްތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝިމާދު ފާހަގަކުރެއްވި ގޮތުގައި، މިއީ އެ ކުންފުންޏަށް ވަރަށް ބޮޑު މާލީ ކުރިއެރުމެއް ގެނެސްދެމުން އަންނަ ވިޔަފާރިއެކެވެ. އަދި މި ޚިދުމަތް ތައާރަފްކުރުމަކީ އެސްޓީއޯއަށް ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެކުރީގައި މި ދާއިރާއިން ނަފާ ހޯދަމުން ދިޔައީ ބައިނަލްއަޤްވާމީ ފަރާތްތަކުން ކަމަށްވިޔަސް، މިއަދު އެ ފައިސާ ސީދާ ދިވެހިރާއްޖެއަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ޝިމާދު ބަޔާންކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް މި ވިޔަފާރިން ރާއްޖެއަށް ވަނީ 70 މިލިޔަން ޑޮލަރަށްވުރެ މަތީގެ އާމްދަނީއެއް ވަދެފައެވެ.

"2024 ވަނަ އަހަރު ބަންކަރިންގެ ޚިދުމަތް އަލަށް ފެށި ފުރަތަމަ ދެތިން މަސްދުވަހުގެ ތެރޭގައި ލިބުނީ 2.9 މިލިޔަން ޑޮލަރުގެ އާމްދަނީއެއް. އެކަމަކު 2025 ވަނަ އަހަރު މި އަދަދު 18 މިލިޔަން ޑޮލަރަށް އުފުލުނު. މިއީ ވަރަށް ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެއް. އަދި ހިނގަމުންދާ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައި." ޝިމާދު

އިތުރަށް ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ބަންކަރިންގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އިހަވަންދިއްޕޮޅު ފަދަ ސަރަހައްދުތަކުގައި އެއްގަމުގައި ތެޔޮ ރައްކާކުރެވޭނެ ނިޒާމުތައް (ލޭންޑް ބޭސްޑް ސްޓޯރޭޖް) ޤާއިމުކުރުން މުހިންމު ކަމަށެވެ. މިވަގުތު އެސްޓީއޯއިން މި ޚިދުމަތް ފޯރުކޮށްދެނީ ބޯޓުފަހަރު ބޭނުންކޮށްގެންނެވެ.

ރާއްޖޭގައި މި ޚިދުމަތް ފަށާފައިވަނީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ބިންގާ އިތުރަށް ސިންދަފާތުކޮށް، މި މަސައްކަތް ފުޅާކުރުމާއެކު ޤައުމަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.