ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ ރައީސް ކަމުގެ މަޤާމަށް ވާދަކުރެއްވުމަށް، ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮނަރަރީ ރައީސް ކޯޒޯ ޓަޝީމާ ފަސް ޤައުމެއްގެ ތާއީދާއެކު ރަސްމީކޮށް ފޯމު ހުށައަޅައިފިއެވެ.
އަންނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު މޮރޮކޯގެ ވެރިރަށް ރަބާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ 77 ވަނަ ކޮންގްރެސްގައި ބާއްވާ މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހުގެ ރޭ (ޖީއެމްޓީ ގަޑިން 22:59) ގައެވެ. މި މަޤާމަށް މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޓަޝީމާގެ އިތުރުން، ފްރާންސްގެ އެފްއޭގެ ރައީސް ފިލިޕް ޑިއާލޯ އަދި ސްވިޒަލޭންޑްގެ ކުރީގެ ކެޕްޓަން ރާމޮން ވެގާ ވެސް ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފައެވެ.
އުމުރުން 68 އަހަރުގެ ޓަޝީމާ އަކީ މިހާރު ވެސް ފީފާގެ ކައުންސިލް މެންބަރެކެވެ. މީގެއިތުރުން 2016 އިން 2024 އަށް އޭނާ ވަނީ ޖަޕާނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ. އިންތިޚާބުގައި ވާދަކުރައްވާ ފްރާންސްގެ ޑިއާލޯ ވަނީ، އިންފަންޓީނޯ ބަލިކުރުމަށްޓަކައި އެއް ކެންޑިޑޭޓަކު ނެރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެ، އެކަމާ ގުޅޭގޮތުން ޓަޝީމާއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފަހަކަށް އައިސް އިންފަންޓީނޯގެ ލީޑަޝިޕަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޮގަންއަށް ދެއްކި ރަތް ކާޑު ބާތިލުކޮށް އޭނާއަށް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި، "ފީފާ ފޯވާޑް އެންޓަޕްރައިސް" ގެ ހިއްސާ އާންމުންނަށް ވިއްކާލުމަށް ކުރި މަސައްކަތް ހިމެނެއެވެ. ޓަޝީމާ ވިދާޅުވި ގޮތުގައި މިފަދަ އެއްވެސް މުހިންމު ކަމެއްގައި ފީފާގެ ކައުންސިލާ އިންފަންޓީނޯ މަޝްވަރާއެއް ނުކުރައްވައެވެ.
މީގެއިތުރުން ޓަޝީމާ ވިދާޅުވީ، އޭނާގެ މައިގަނޑު އަމާޒަކީ ފީފާގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ އުސޫލުތަކެއްގެ މަތިން އެ އިދާރާގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންކުރުން ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.