ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ގިނަ މެންބަރު ޤައުމުތަކުގެ ފުރިހަމަ ތާއީދު އޭނާއަށް އެބައޮތް ކަމަށް އެ އިދާރާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ އިންފަންޓީނޯއަށް ފިއްތުންތަކާ ކުރިމަތިލާން ޖެހުނީ، 'ފީފާ ފޯވާޑް އެންޓަޕްރައިޒް' ގެ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލަން މިދިޔަ ޖުލައި މަހު ނިންމި ނިންމުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އާއި ކޮންކާކަފް އަދި އޭޝިއާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ އިންފަންޓީނޯ މަޤާމުން އިސްތިޢުފާ ދެއްވުމަށް ގޮވާލާފައެވެ. މީގެ އިތުރުން ފީފާގެ މުހިންމު ނިންމުންތަކާ ގުޅޭ ލިޔެކިޔުންތައް އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ކުރިން ހާމަކުރުމަށްވެސް ޔޫއެފާއިން ވަނީ ސިޓީއަކުން އެދިފައެވެ.
މިވަގުތު އަޒަރުބައިޖާނުގައި ހުންނެވި އިންފަންޓީނޯ ވިދާޅުވީ، ފީފާ ފަދަ ބޮޑު ޖަމްޢިއްޔާއެއްގައި ޚިޔާލުތަފާތުވުންތައް ހުރުމަކީ ޠަބީޢީ ކަމެއް ކަމަށާއި، އެފަދަ ކަންކަން ޙައްލުވާނީ މަޝްވަރާކޮށްގެން ކަމަށެވެ. އަދި ޚާއްޞަކޮށް ޔޫއެފާއާއެކު ގިނަގިނައިން މަޝްވަރާ ކުރަންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް ޤައުމުތަކުގެ ދެކޮޅުވެރިކަން ހުރި ނަމަވެސް، މެންބަރު ގިނަ ޤައުމުތަކެއްގެ އިތުބާރު އަދިވެސް އޮތީ އޭނާއަށް ކަމަށް އިންފަންޓީނޯ ފާހަގަކުރެއްވިއެވެ.
ކުރިން އިންފަންޓީނޯއާ ދެކޮޅަށް ބަޔާން ނެރުނު ނަމަވެސް، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިން މިހާރު ވަނީ އެ ނިންމުން ބަދަލުކޮށް އޭނާއަށް ތާއީދުކުރަން ނިންމާފައެވެ. އޭއެފްސީގެ ނިންމުމާއެކު އަދި އެފްރިކާ ބައްރުގެ ކޮންފެޑެރޭޝަންގެ ހުރިހާ މެންބަރު ޤައުމުތަކުގެ ތާއީދު ލިބުމުން، އަންނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އިންފަންޓީނޯއަށް އޮތް އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.