ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ދާދި ފަހުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅޭ މުހިންމު ލިޔެކިޔުންތައް ހާމަކުރުމަށް، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އިން ދެ ހަފްތާގެ މުހުލަތެއް ދީފިއެވެ.
ފީފާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ އިންފަންޓީނޯއަށް މި މުހުލަތު ދީފައިވަނީ، ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީ ސޮއިކުރައްވައި ފީފާއަށް ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީގައި ޖުމްލަ 42 މައްސަލައަކާ ގުޅޭ ލިޔެކިޔުންތައް ހާމަކުރުމަށް ވަނީ އެދިފައެވެ.
ޔޫއެފާއިން ހޯދަން އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި އެންމެ ބޮޑު ކަމަކަށް ފާހަގަކޮށްފައިވަނީ:
-
"ފީފާ ފުޓްބޯލް އެންޓަޕްރައިޒް" ގެ ހިއްސާ އަމިއްލަ ވިޔަފާރިތަކަށް ވިއްކާލުމަށް އިންފަންޓީނޯ ނިންމެވި ނިންމެވުމާ ގުޅޭ ލިޔެކިޔުންތައް.
-
ނިމިދިޔަ ވޯލްޑް ކަޕުގައި އެމެރިކާގެ ކުޅުންތެރިޔާ ފްލޯރިއަން ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި ފީފާއިން އަމަލުކޮށްފައިވާ ގޮތުގެ ތަފުސީލުތައް.
މި މައްސަލަތަކާ ގުޅޭގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާ ކައުންސިލްގެ ބައްދަލުވުމުގައިވެސް މަޝްވަރާކޮށްފައިވެއެވެ.
މުހުލަތުގެ ތެރޭގައި އެ ލިޔެކިޔުންތައް ހާމަނުކޮށްފިނަމަ އަޅާނެ ފިޔަވަޅެއް ޔޫއެފާގެ ސިޓީގައި ބަޔާންކޮށްފައި ނުވި ނަމަވެސް، ޔޫއެފާގެ އިތުރުން ފީފާގެ މެންބަރު ގިނަ ގައުމުތަކަކުން މިހާރު ވަނީ އިންފަންޓީނޯއަށް އޮތް ތާއީދު އަނބުރާ ގެންގޮސްފައެވެ.
ފީފާގެ ނައިބު ރައީސް އަދި އިނގިރޭސި އެފްއޭގެ ރައީސް ޑެބީ ހެވިޓް ވިދާޅުވީ، މި މައުލޫމާތުތައް ހާމަކުރުމަށް އިންފަންޓީނޯ ދެކޮޅު ހައްދަވާނަމަ، އޭނާއަކީ ފީފާގެ ރައީސްކަމުގެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.
އަންނަ އަހަރު ބާއްވާ ފީފާގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެކަން ކަށަވަރުކުރަން ޖެހޭއިރު، ޔޫއެފާއިން ދިން މި މުހުލަތަކީ އިންފަންޓީނޯއަށް ކުރިމަތިވި އިތުރު ޕްރެޝަރެއްގެ ގޮތުގައި ގިނަ ފަރާތްތަކުން ދެކެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.