ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯ، އެ މަގާމުގައި އިތުރު ދައުރަކަށް ދެމިހުންނެވުމާ ގާތަށް ޖެހިވަޑައިގެންފިއެވެ.

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންފަންޓީނޯއަށް ތާއީދު އޮތްކަން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވެ، ކެރީބިއަން ފުޓްބޯލް ޔޫނިއަން (ސީއެފްޔޫ) އިން ވެސް މިހާރު ވަނީ އޭނާއަށް ފުރިހަމަ ތާއީދު އޮތްކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. މިއާއެކު، އިންފަންޓީނޯއަށް ވަނީ އިތުރު 25 ވޯޓު ކަށަވަރުވެފައެވެ.

ސީއެފްޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޔޫނިއަންގެ މެންބަރު އެސޯސިއޭޝަންތަކުގެ މެދުގައި މަޝްވަރާކޮށް ނިންމި ނިންމުމެއްގެ ދަށުން، ފީފާގައި ހިމެނޭ ކެރީބިއަންގެ 25 މެންބަރު ގައުމުން ވެސް ކުރިއަށް އޮތް ފީފާގެ ރިޔާސީ އިންތިޚާބުގައި އިންފަންޓީނޯއަށް ތާއީދުކުރުމަށް އިއްތިފާގުވެފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އުމުރުން 56 އަހަރުގެ އިންފަންޓީނޯ 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރައްވަމުން ގެންދަވާއިރު، މޮރޮކޯގެ ރަބާޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވެސް އޭނާއެވެ. ޕްރައިވެޓް ސެކްޓަރަށް އިންވެސްޓް ކުރެވޭ ގޮތަށް ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް އޭނާ ކުރެއްވި މަސައްކަތް ނާކާމިޔާބުވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އޭނާއަށް އޮތް ތާއީދަށް މާބޮޑު ގުޑުމެއް އަރާފައެއް ނުވެއެވެ.

ކެރީބިއަން ޔޫނިއަނުން އިންފަންޓީނޯއަށް ތާއީދުކުރި ސަބަބު ބަޔާންކުރަމުން ބުނެފައިވަނީ، ފީފާއިން ފުޓްބޯޅައިގެ އުމްރާނީ ތަރައްގީއަށާއި، ޓެކްނިކަލް ޕްރޮގްރާމްތަކާއި، ޒުވާނުންނާއި އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ބަލައިގަންނަ ކަމަށެވެ. ޚާއްސަކޮށް މާލީ އަދި އިންސާނީ ވަސީލަތްތައް މަދު ކުދި އެސޯސިއޭޝަންތަކަށް ދެމެހެއްޓެނިވި ފައިދާތަކެއް ހޯދައިދިނުމަކީ މުހިންމު ކަމެއްކަން އެ ޔޫނިއަނުން ފާހަގަކުރިއެވެ.

ނަމަވެސް، މި ތާއީދާއެކު ސީއެފްޔޫއިން ވަނީ މުހިންމު ކަންތައްތަކަކަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، ފުޓްބޯޅައިގެ މައި އިދާރާގެ ތެރޭގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށާއި، ހިންގުން ހަރުދަނާކުރުމަށް އަދި މުހިންމު އިސްލާހީ ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ. މީގެއިތުރުން، ޖަވާބުދާރީވުން އިތުރުކޮށް، ކޮންމެ މެންބަރު ގައުމެއްގެ އަޑުވެސް އިންސާފުވެރިކަމާއެކު އަހައި، ފުރިހަމަ ތަމްސީލުވުން ކަށަވަރުކޮށްދިނުމަށް ވެސް އެ ޔޫނިއަނުން ވަނީ އެދިފައެވެ.