ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެ ރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކުރި ހުކުމް 16 އަހަރުފަހުން ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

ޖެނުއަރީ 2010 ގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެ ރަށު މެކޯ، އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި ފަރީދު މެރުމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރީ އޭނާގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުތަކުން ފަރީދު މެރުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ފަރީދު ވަޅިއަކުން ޝުހާދަށް ހަމަލާދިން މަންޒަރު ދުށް ކަމަށް ދެ މީހަކު ވަނީ ކްރިމިނަލް ކޯޓުގައި ހެކިބަސްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ފަރީދު މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު، އޭނާގެ އިސްތިއުނާފު މަރުހަލާގެ ހުރިހާ މަރުހަލާއެއް މިހާރު ވަނީ ނިމިފައެވެ.