ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަލްއުސްތާޛު އަލީ ރަޝީދު ހުސައިން ރިޓަޔާކުރެއްވުމަށް ނިންމެވުމާ ގުޅިގެން އެކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ހައިކޯޓުގެ ކުރީގެ ދެ ފަނޑިޔާރުންކަމަށްވާ އަލްއުސްތާޛު އަލީ ސަމީރާއި، އަލްއުސްތާޛު އަބްދުއްރައޫފު އިބްރާހީމް އެ މަގާމަށް ކުރިމަތިލައްވައިފިއެވެ.
ފަނޑިޔާރު އަލީ ރަޝީދު ރިޓަޔާކުރައްވަން ހުށަހެޅުއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކޮށްދޭން ނިންމައި އެކަން އިއުލާނުކުރުމާއެކު، ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލިއެވެ. މިއަދު ހެނދުނު 10:00 ގައި ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވެއެވެ.
އެމްއެމްޓީވީއަށް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުން ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި އަބްދުއްރައޫފު އެކަންޏެވެ.
އަބްދުއްރައޫފަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު 2006 ވަނަ އަހަރުން ފެށިގެން ޝަރުއީ ކޯޓުތަކުގެ ގާޒީކަމާއި ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެޓާނީ ޖެނެރަލް އޮފީހާއި ސިވިލް ކޯޓުގައި ގާނޫނީ ދާއިރާގެ މަސައްކަތްތައް ކުރެއްވިއެވެ. 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ.
ސަމީރުވެސް މަތީ ތައުލީމު ހާސިލުކުރެއްވީ މިސްރުގެ އަލްއަޒްހަރުންނެވެ. އެއަށްފަހު މެލޭޝިޔާއިން މާސްޓާސް ޑިގުރީ ހާސިލުކުރެއްވިއެވެ. 2011 ވަނ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއެވެ. ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ސަމީރު ވަނީ ޖިނާއީ ކޯޓުގެ ސެކްރެޓެރީކަމާއި، މަދަނީ ކޯޓުގެ ސީނިއަރ އެޑްމިން އޮފިސަރކަމާއި، މަދަނީ ކޯޓުގެ ޤާޟީކަމާއި، މަދަނީކޯޓުގެ އިސް ޤާޟީކަމާއި، ސިވިލްކޯޓުގެ އިސް ޤާޟީކަން ކުރައްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ އަސާސީ މުސާރައަކީ 59،700 ރުފިޔާއެވެ. އެލަވަންސްގެ ގޮތުގައި 25،000 ރުފިޔާ އަދި ރިސްކު އެލަވެންސްގެ ގޮތުގައި އިތުރު 3،000 ރުފިޔާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.