ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ބުނީ، އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށެވެ. އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ކައުންޓަރަށް އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަލީ ރަޝީދު ހުސެއިން، އެ މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެއާއެކު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވާނެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ޝަރުތުތަކުގެ އިތުރު މައުލޫމާތު ޖޭއެސްސީގެ އިއުލާނުގައި ވަނީ ހިމަނައިފައެވެ. އެ ކޮމިޝަނުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވި އަލީ ރަޝީދު ހުސެއިން ވަނީ ކުރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ޑްރަގް ކޯޓުގައިވެސް އިސް ފަނޑިޔާރުކަމާއި ފަނޑިޔާރުކަން ކުރައްވައިފައެވެ. އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.