ހއ. އިހަވަންދޫ މަސް ކަލެކްޝަން ސެންޓަރުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ތައްޔާރުކުރުމުގެ މަސައްކަތަށް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ ތެރެއިން ޝީޓް ޕައިލްގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންދެވުމާއެކު، އެއްގަމުތޮށި ލުމުގެ ޢަމަލީ މަސައްކަތްތަކަށް ވަނީ އިތުރު ކުރިއެރުމެއް ލިބިފައެވެ. މި މަޝްރޫޢަކީ އުތުރުގެ މަސްވެރިންނަށް މަސް ކިރުވުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 47,161 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3,060 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 129 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް އެއްގަމުތޮށި ލުމާއި، 66 މީޓަރުގެ އެލް-ބްލޮކް އެއްގަމުތޮށި ބިނާކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން 42 މީޓަރުގެ ބޭރުތޮށި ރެވަޓްމެންޓް ޖެހުމާއި، 3,437 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަނދަރު ބައްތި ހަރުކުރުމާއި، ބޮލާޑް އަދި ވީ-ފެންޑަރު ހަރުކުރުމުގެ މަސައްކަތްވެސް ހިމެނިފައިވެއެވެ.
60.26 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިމުމުން، އިހަވަންދޫގެ އިތުރުން މާލެއާއި ފެލިވަރަށް ދަތުރުނުކޮށް ކައިރި ސަރަޙައްދަކުން މަސްކިރުވުމުގެ ފުރުޞަތު އުތުރުގެ މަސްވެރިންނަށް ފަހިވެގެންދާނެއެވެ. މިއީ ސަރަޙައްދީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެ، މަސްވެރިންގެ ޚަރަދުތައް ކުޑަކުރުމަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.