ގދ. ފިޔޯރީ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސް، ބްލޮކް އެތުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
ފިޔޯރީގައި މިހާރު ބޭނުންކުރަމުން ދަނީ 2009 ވަނަ އަހަރު ތަރައްޤީކޮށް ބޭނުންކުރަން ފެށި ބަނދަރެކެވެ. ނަމަވެސް އޭރު ބަނދަރު ހަދާފައިވާ ގޮތުން ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ ބަނދަރު ޒަމާނީ ފެންވަރަށް އަޕްގްރޭޑްކުރުމަށް ޕްލޭންކޮށް، އެ މަސައްކަތް ފަށާފައެވެ.
ޖުމްލަ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މި މަޝްރޫޢު ހަވާލުކުރީ 2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެއިތުރުން، ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ނެރު ބައްތި ހަރުކުރުމާއި، ރޭގަނޑުގެ ވަގުތުތަކުގައި ބަނދަރު ސަރަޙައްދު އަލިކުރުމަށް މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން، ޒަމާންތަކެއް ވަންދެން ފިޔޯރީގެ ރައްޔިތުން އުފުލަމުންދިޔަ ލަފާފުރުމުގެ ދަތިކަމަށް ނިމުމެއް އައިސް، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރަށަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.