މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަރުޝަތު އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެކުލަވާލި މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، ޢުމުރުން 30 އަހަރު ފުރިފައިވުމާއެކު، ނޫސްވެރިކަން، ބްރޯޑްކާސްޓިންގ، ޕޮލިސީ މޭކިންގ ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ މީޑިއާ ދާއިރާގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، މީޑިއާއެއްގެ މަސްއޫލުވެރިއަކަށް ނުވަތަ އެޑިޓަރަކަށް ނުވުމާއި، ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެއާއެކު، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، އަދި ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމުގެ އިތުރުން މީޑިއާ އަދި މުވާޞަލާތީ ޚިދުމަތްދޭ ވިޔަފާރިއެއްގެ ޙިއްޞާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެއެވެ. ފަސް އަހަރުގެ ދައުރަކަށް ޢައްޔަންކުރެވޭ މި މަޤާމުގައި ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށްވެސް ދެ ދައުރަށް ވުރެ ގިނަ ދުވަހު ނުހުރެވޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމުގެ އިތުރުން އައިޑީކާޑު، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.

އެމްއެމްބީސީ އުފެއްދިއިރު މީޑިއާތަކުގެ ފަރާތުން ކޮމިޝަނަށް އިންތިޚާބުކުރަން ޖެހޭ ހަތަރު މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވީ އަބްދުލްޢަޒީޒް އިބްރާހީމާއި، ޒަމްޢަތު އަޙްމަދު ވަޙީދާއި، ސިމާހާ ނަސީމްގެ އިތުރުން ޙުސައިން ޞަޤީފް އެކަނި ކަމަށްވުމުން، އެ ބޭފުޅުން ހޮވުނީ ވޯޓަކާ ނުލައެވެ. އަދި މަޖިލީހުގެ ފަރާތުން އެ ކޮމިޝަނަށް ޢައްޔަންކުރެއްވި ތިން ބޭފުޅުންނަކީ އިސްތިޢުފާ ދެއްވި ރައީސް މުޙައްމަދު ފަރުޝަތުގެ އިތުރުން، ބްރޯޑްކޮމްގެ ކުރީގެ ރައީސް ޞަފާ ޝަފީޤާއި ކުރީގެ މެންބަރު އައިމިނަތު ސަރާޙަތު ޢިއްޒަތެވެ.