ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ކުރިއަށް އޮތް 10 ނުވަތަ 15 އަހަރުގެ މުއްދަތެއް ލިބިއްޖެނަމަ، ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިކުރެވިދާނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ދޯހަޅި އިޤްތިޞާދީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުން އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކޮށް، އެތައް ބިލިއަން ޑޮލަރެއްގެ ލޯނު ނަގައިގެން ދަޢުލަތަށް އެއްވެސް އާމްދަނީއެއް ނުލިބޭ ގޮތަށް ގާތް މީހުންނަށް ފައިސާ ބަހައި ހުސްކޮށްލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އެމްޑީޕީގެ ވެރިކަން ނިމިގެންދާއިރު ދަޢުލަތުގެ ވަސީލަތްތައް ހަލާކުވެ ދަބަރަށް ވެފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވަމުން ފަލާޙް ވިދާޅުވީ، މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ލިބިއްޖެނަމަ، ޑޮލަރުގެ ރޭޓު 10 ރުފިޔާއަށް ތިރިކުރެވިގެންދާނެ ކަމަށެވެ. މީގެއިތުރުން، މިނިސްޓަރު ސަޢީދަކީ ކެބިނެޓުގައި ހުންނެވި އެންމެ ވަރުގަދަ އެއް ވަޒީރުކަން ފާހަގަކުރައްވައި، ޕީއެންސީ ޕީޖީ ގްރޫޕުގެ 73 މެންބަރުންގެ ފުރިހަމަ އިތުބާރު މިނިސްޓަރަށް އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ 13 މެންބަރެއްގެ ސޮޔާއެކު މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މި މައްސަލައިގެ ބަހުސަށްފަހު ނެގި ވޯޓުގައި، މިނިސްޓަރުގެ އިތުބާރު އޮތް ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިނިސްޓަރު ސަޢީދުގެ ދިފާޢުގައި ޕީއެންސީގެ 54 މެންބަރަކު ވޯޓު ދެއްވިިއިރު، އެމަނިކުފާނާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.