އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި، އެމަނިކުފާނުގެ އިތުބާރު އޮތްކަމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މިނިސްޓަރު ސަޢީދުގެ އިތުބާރު އޮތްކަމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ. ވަޒީރުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
މި މައްސަލައަކީ އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ ޕާޓީން ހުށަހެޅި މައްސަލައިގައި މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމަށް ބަޔާންކޮށް މައިގަނޑު 6 ކަމެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުނު ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމެއް ކަމަށް ވެސް އެ ޕާޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއެޅުމާއި، ޤާނޫނުއަސާސީގެ 136 ވަނަ މާއްދާއާ ޚިލާފުވުމާއި، އަމިއްލަ ވިޔަފާރިތައް ހިމާޔަތްކުރުމުގައި ފެއިލްވުން ވެސް ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ދައުލަތުގެ ސިޔާދަތަށް ނުރައްކާ އޮތް ކަމަށާއި، އިޢުލާނުކުރި ގިނަ ބިޔަ މަޝްރޫޢުތަކެއް ހުއްޓިފައިވާ ކަމަށް ވެސް އެމްޑީޕީން ބަޔާންކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބުދާރީވެވަޑައިގަންނަވަމުން މިނިސްޓަރު ސަޢީދު ވަނީ އެމްޑީޕީން ކުރި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން މިހާރު ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ބުނެ ކުރި ތުހުމަތަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ތުހުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ރަސްމީ ރޭޓުގައި ބޭންކު މެދުވެރިކޮށް 3 އަހަރުގެ ތެރޭގައި ދޫކުރި ޑޮލަރަށްވުރެ، މި ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ބޭންކު މެދުވެރިކޮށް ދޫކުރި ޑޮލަރުގެ މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.