އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މި މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 1 ގަޑިއިރުގެ މުއްދަތަށެވެ. އަދި މެންބަރުން ކުރައްވާ ތުހުމާތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް މިނިސްޓަރަށްވެސް 1 ގަޑިއިރުގެ ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.

މިނިސްޓަރު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިދިކޮޅު މަލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 މެންބަރަކު ސޮއިކުރައްވައި 1 އޯގަސްޓްގައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ގަރާރުގައި ބުނެފައިވަނީ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި މިނިސްޓަރު ސަޢީދު އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ދުސްތޫރީ ވާޖިބު އަދާކުރުމުގައި އިހުމާލުވެ، ވަޒީރުން ކުރުން މަނާކޮށްފައިވާ ޢަމަލުތަކެއް ހިންގަވާފައިވާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ޤައުމުގެ އިޤްތިޞާދީ ޙާލަތާއި ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕާޓީން ވަނީ މި މައްސަލަ ފާސްނުވާނެ ކަމަށް ބުނެފައެވެ.