ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް އިއްޔެ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ޚާއްޞަ ޙަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރ. ވަންދޫ ޓީމާއި، ރ. އުނގޫފާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމެވެ. އަދި އުނގޫފާރުގެ ވެށި އިތުރަށް ފެހިކޮށް، މޫސުމީ ބަދަލުތަކުން ރަށް ރައްކާތެރިކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ޙަރަކާތުގެ ދަށުން އުނގޫފާރުގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގަސް ވަނީ އިންދާފައެވެ. މި ޙަރަކާތުގައި އުނގޫފާރު ކައުންސިލާއި، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ފޯރިއާއެކު ބައިވެރިވެފައެވެ.
މިއީ ތިމާވެށީގެ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.