ފާއިތުވި ހަފުތާގެ ތަފާސްހިސާބުތައް އާންމުކުރައްވަމުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އޮކްޓޫބަރު 25 އިން 31 ގެ ނިޔަލަށް މަކަރާއި ހީލަތުގެ ޖުމްލަ 32 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 737,695 ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދިފައިވަނީ 144,558 ރުފިޔާއެވެ.

ރިޕޯޓުކުރެވުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 17 މައްސަލައެކެވެ. ފުލުހުން ބުނީ އާދަޔާޚިލާފަށް ރަނގަޅު ރޭޓެއްގައި ފައިސާ މާރުކޮށްދޭން ހުށަހަޅާނަމަ އެއީ ސްކޭމަކަށް ވުންގާތް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންކަމުން ފައިސާ ޖަމާކުރުމުގެ ކުރިން އަނެއް ފަރާތުން ފައިސާ ލިބުނުކަން ޔަގީންކުރުމަށާއި، ކާކުކަން ކަށަވަރުނުވާ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ފައިސާ މާރުކުރުމުގެ މައްސަލަތަކުގެ އިތުރުން، އީކޮމާސްއާ ގުޅޭ 6 މައްސަލައަކާއި، އިންވެސްޓްމަންޓް ސްކޭމްގެ 4 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމުގެ މައްސަލައަކާއި އެހެނިހެން ބާވަތުގެ 4 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މައިގަނޑުކޮށް ބޭނުންކޮށްފައިވަނީ އައިބޭ، ޓިކްޓޮކް، ފޭސްބުކް މާކެޓްޕްލޭސް، ފިޝިން ލިންކު އަދި ފޯނު ކޯލްތައް ފަދަ އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ވަސީލަތްތަކެވެ.