ވަޓްސްއެޕް މެދުވެރިކޮށް މަކަރާއި ހީލަތުން 32,000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން މާލެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް ބުނެ، 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހ. ވެލަސްފަރުގެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު ނަންބަރު ރސ 6007، މުޙައްމަދު ރީޙާން (33އ) ގެ އިތުރުން ޖޯޖެޑްވިލާ، އަޙްމަދު ސުޖާއު (46އ) އެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން ޙުސައިން ސާމިރާއި އަޙްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، މުޙައްމަދު ރީޙާން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އޮންލައިންކޮށް ހިންގާ މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.