އެހެން މީހެއްގެ ބޭންކު އެކައުންޓު ކޮމްޕްރޮމައިޒްކޮށްގެން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ، ގުލްބަކާގެ، ޢަބްދުﷲ އިސްރާގް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އުމުރުން 19 އަހަރުގެ އިސްރާގްގެ މައްޗަށް ދައުލަތުން އުފުލި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަޢުވާއަށް އޭނާ ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، ޝަރީޢަތުގެ މަޖިލީހުގައި ކުށަށް އިޢުތިރާފުވެފައެވެ.
މި ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ނަމަވެސް، ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ކަނޑައެޅުނީ 9 މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ.
މައްސަލައިގެ ތަޙުގީގަށާއި ޝަރީޢަތުގެ މަރުޙަލާގައި އޭނާ ބަންދުގައި ހޭދަކުރި 5 މަހާއި 15 ދުވަސް އަދަބުން އުނިކުރުމުން، ތަންފީޒުކުރަން ޖެހޭނީ 4 މަހާއި 3 ދުވަހުގެ ޖަލު އަދަބެއް ކަމަށް ގާޟީ އިބްރާހީމް ޒިހުނީ ވަނީ ޙުކުމް ކުރައްވާފައެވެ.
މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރާއި ގޭންގު ކްރައިމް އަދި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތައް ގުޅިގެން މިއަހަރުގެ ޖަނަވަރީ 21 ވަނަ ދުވަހުން ފެށިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފަޅާއަރުވާލި މައްސަލައެކެވެ.
އެ އޮޕަރޭޝަނުގައި އިސްރާގާއެކު ޖުމްލަ 10 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރޭގައި މާލެއިން ހައްޔަރުކުރި 6 މީހުންނާއި، އައްޑޫ ސިޓީން ހައްޔަރުކުރި 3 މީހެއްގެ އިތުރުން ކ. ހިންމަފުށިން ހައްޔަރުކުރި މީހަކު ހިމެނެއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ނެޓްވޯކުން ވަނީ މީހެއްގެ ސޯޝަލ މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބޭންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހަކީ ސްކޭމް ފައިސާ އެ މީހުންގެ އެކައުންޓަށް ޖަމާކޮށްގެން ފައިސާ ނަގާފައިވާ މީހުން ކަމަށްވާއިރު، އެކަކު ވަނީ އެ ފައިސާ އެކި ވިޔަފާރިތަކަށް ޖަމާކޮށްގެން މުދާ ގަނެފައެވެ.
އިސްރާގު ހިމެނޭހެން ބާކީ ތިބި 3 މީހުންނަކީ އެކި މީހުން އޭޓީއެމްތަކަށް ގެންގޮސް، އެ މީހުން މެދުވެރިކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއާ ހަވާލުވެފައިވާ މީހުންނެވެ.
ޝަރީޢަތުން ނިމުނު މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އިސްރާގް ހަވާލުވެފައިވަނީ މީހެއްގެ އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒްކޮށް، އާއިލީ ޖޮއިންޓް ޑޮލަރު އެކައުންޓަކުން އެކި ފަރާތްތަކުގެ އެކައުންޓަށް ޑޮލަރު ޖަމާކުރުމަށްފަހު، އޭޓީއެމް މެދުވެރިކޮށް ނެގި އެއަށްވާ ދިވެހި ފައިސާއާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.