ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި ފިހާރައެއް ލޫޓުވުމަށް ހިތްވަރުދީ ގޮވާލި މައްސަލައިގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 12 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނެފައިވަނީ ޖުމާން ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ބައެއް ތަންތަނުގައި ހުޅުޖަހައި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ބަންދު މުއްދަތު މަޖިލީހުގެ ނިންމުމުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޖުމާންއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާން ހިމެނެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެކްސްގައި އޭނާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ކަމަށްވާތީ، އެ ޕޯސްޓާ ގުޅޭ ރިޕޯޓެއް ވެސް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އިޝްތިހާރު އިޝްތިހާރު

ކޯޓުން ނިންމީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް ވެދާނެ ކަމަށް ބެލެވޭތީ ބަންދުގައި ބަހައްޓަންޖެހޭ ކަމަށެވެ. އެއާއެކު އޭނާގެ ބަންދަށް 12 ދުވަސް ދީފައިވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 4 ވަނަ ދުވަހަށެވެ.

ޖުމާން ހައްޔަރުކުރި އިރު، މީގެ ދުވަސްކޮޅެއް ކުރިން އެކްސް އެކައުންޓުގައި އޭނާ ކޮށްފައިވާ ޕޯސްޓު ވަނީ ޑިލީޓުކޮށްލައިފައެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން ވެސް ޖުމާން ހައްޔަރުކޮށްފައިވެއެވެ.

އޭނާ ހައްޔަރުކުރުމުގެ ކުރިން މިފަދަ އިތުރު މައްސަލައެއްގައި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ވަނީ ހައްޔަރުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒިހާންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.

ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އާންމުންގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުމާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ހިމެނެނީ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައެވެ. އެފަދަ އަމަލެއް ކުރަން އުޅުމުގެ ނުވަތަ އެކަމުގައި އެހީތެރިވެދިނުމުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.