ބޯހިޔާވަހިކަން ހޯދުމުގައި ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުމަށް ސަރުކާރުން އެހީވުމުގެ ގޮތުން "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި"އަށް އަންނަ ނޮވެމްބަރުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ގިނަ އާއިލާތަކަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަހުން މަހަށް ދައްކަންޖެހޭ ލޯނުގެ އިންސްޓޯލްމަންޓް ނޫން ކަމަށާއި، އެއީ ބޭންކުތަކަށް އެންމެ ފުރަތަމަ ދައްކަންޖެހޭ ޑައުންޕޭމަންޓް ނުވަތަ އިކުއިޓީ ފައިސާ ހަމަޖެއްސުން ކަމަށް ވިދާޅުވެ، އެކަމަށް އެހީތެރިވުމަށް ސަރުކާރުން ތައާރަފްކުރާ ދެ ސްކީމެއްގެ ތަފްސީލު މުއްޠަލިބު މިވަނީ ހާމަކުރައްވާފައެވެ.

މިނިސްޓަރު މުއްޠަލިބު ލިންކްޑްއިންގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމުގެ ދަށުން، "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ގެ ނަމުގައި ހިންގާ ދެ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހު ހުޅުވާލާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ދޭ ހިލޭ އެހީއެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ސްކީމްތައް ތަންފީޒުކުރުމަށްޓަކައި މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު މާލީ ހަތަރު އިދާރާއަކާއެކު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ.

ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެފޯޑަބަލް ހައުސިން އިންސްޓިޓިއުޓުން މިނިސްޓްރީއަށް އެކުލަވާލަދިން "މޯލްޑިވްސް އެފޯޑަބަލް ހައުސިންގ ރިފޯމް ސްޓަޑީ" އާ ހަވާލާދެއްވައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދިރާސާކުރެވުނު އާއިލާތަކުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޭބިސީތަކުގައި އެއްވެސް ވަރަކަށް ފައިސާ ރައްކާކުރެވިފައެއް ނެތެވެ. އަދި މަހަކު 3،000 ރުފިޔާއަށް ވުރެ އިތުރަށް ސޭވް ކުރެވެނީ ދިހަ އާއިލާއިން އެއް އާއިލާއަށެވެ. މިސާލަކަށް 2 މިލިއަން ރުފިޔާގެ ފްލެޓެއް ގަންނަން 20 ޕަސެންޓުގެ އިކުއިޓީ ހަމަކުރުމަށް މަހަކު 3،000 ރުފިޔާ ރައްކާކުރާ އާއިލާއަކަށް 10 އަހަރު ދުވަސް ނަގައެވެ. ސަރުކާރުގެ މި ސްކީމްތަކަކީ އެ އުނދަގޫ ފޫބައްދައިދޭނެ ވަސީލަތެކެވެ.

"ހެލްޕް ޓު ބިލްޑް" ސްކީމް

މި ސްކީމަކީ އަމިއްލަ ބިން އޮވެ، ގެދޮރު އެޅުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހާއްސަ ސްކީމެކެވެ. މި ސްކީމުގެ ދަށުން ސަރުކާރުން 200،000 ރުފިޔާއާ ހަމައަށް ހިލޭ އެހީ ދޭނެއެވެ. މިއީ 1 މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 ޕަސެންޓުގެ އިކުއިޓީއެވެ. ފުރަތަމަ ފިޔަވަހީގައި މި ފުރުސަތު އޮތީ މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. (ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ކުރިއަށް އޮތް ފިޔަވަހިތަކުގައި ހިމެނޭނެއެވެ.)

މާލޭގައި އެއް ބިމެއްގައި ގިނަ ވާރުތަވެރިން ގެ އަޅާނަމަ، ކޮންމެ ވެރިއަކަށް 200،000 ރުފިޔާގެ މަގުން، އެއް ބިމަކަށް ޖުމްލަ 1 މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުގެ އެހީ ލިބޭނެއެވެ. އަދި އަޅާ އިމާރާތުގެ ބައެއް ވިޔަފާރިއަށް ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ.

"ހެލްޕް ޓު ބައި" ސްކީމް

މިއީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ސްކީމެކެވެ. ސަރުކާރުގެ އެފޯޑަބަލް ހައުސިން ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ރަށްރަށުގައި ޕްރައިވެޓް ޑިވެލޮޕަރުން އަޅާ 1.5 މިލިއަން ރުފިޔާގެ އަގުހުރި ގެދޮރު ގަތުމަށް ސަރުކާރުން 250،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދޭނެއެވެ. މި ފައިސާ ބޭންކު މެދުވެރިކޮށް ސީދާ ޖަމާވާނީ ޑިވެލޮޕަރަށެވެ. މިއާއެކު، 20 ޕަސެންޓް ޑައުންޕޭމަންޓް ދައްކަންޖެހޭ ގެއަކަށް އާއިލާއިން އަމިއްލައަށް ދައްކަންޖެހޭ އަދަދު 300،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަވެގެންދާނެއެވެ.މާލޭގައި ފްލެޓް ގަންނަ ފަރާތްތަކަށް މި އެހީ ކުރިއަށް އޮތް ފިޔަވަހިތަކުގައި ފުޅާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސިޔާސަތު ހިޔާރުކުރި ސަބަބުތައް ބަޔާންކުރައްވަމުން މުއްތަލިބު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިމާރާތްކޮށްގެން ގެދޮރުވެރިކަމުގެ ވައުދު ފުއްދުމަކީ ދަތިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. ސަރުކާރުން އެއް ގެ އެޅުމަށް ހިނގާ ހަރަދުން، މި މޮޑެލްގެ ދަށުން ގާތްގަނޑަކަށް 5 އާއިލާއަކަށް ގެދޮރުވެރިވުމުގެ އިކުއިޓީ ހަމަޖައްސައިދެވޭނެއެވެ. އަދި މިއީ އެއްފަހަރު ދޭ އެހީއަކަށް ވުމުން، ދައުލަތުގެ ބަޖެޓުން 20 ނުވަތަ 25 އަހަރު ވަންދެން ފައިސާ ތާށިވެފައި ނުހުންނާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި އެހީއަކީ ލޯނެއް ނޫން ކަމަށާއި އަނބުރާ ދައްކަން ނުޖެހޭ ހިލޭ އެހީއެއް ކަމުގައި ވިޔަސް، މި ސްކީމްގެ ދަށުން ލިބޭ ގެދޮރު 20 އަހަރު ވަންދެން ނުވިއްކޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ. މިއީ ވިޔަފާރި އުސޫލުން އަވަސް ފައިދާ ހޯދުމުގެ ބަދަލުގައި އާއިލާތަކަށް ދާއިމީ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.

ހައުސިންގ މިނިސްޓްރީން ވަނީ މި ސްކީމްތަކުގެ ޝަރުތުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު އަންނަ މަހު އާންމުކުރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، މި ސްކީމްތަކަށް އެދެން ބޭނުންވާ ފަރާތްތަކުން ބިމުގެ ލިޔެކިޔުންތައް ހަމަކުރުމަށާއި، ބޭންކުތަކާ ވާހަކަދައްކައިގެން ތައްޔާރުވަމުން ދިޔުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.