ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ގެނެސްދިން "އަހާ" ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އަލަށް ހިއްކާ ބިންތަކުގައި ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ އިތުރުން މަގުތައް ހެދުމަށްޓަކައި ބިން ހިއްކުމަށް ދިޔަ ޚަރަދަށްވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ގުޅިފަޅުގައި އެ ޚިދުމަތްތައް ޤާއިމުކޮށް މަގުތައް ހެދުމަށް އެކަނިވެސް 400 މިލިއަން ޑޮލަރަށްވުރެ ބޮޑު ހޭދައެއް ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މުއްޠަލިބު ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ މަސައްކަތްތައް ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، އެމްޓީސީސީއާއި ޕަބްލިކް ވޯކްސް ގުޅިގެން ގުޅިފަޅުގައި ފެނާއި ނަރުދަމާގެ ނެޓްވޯކް އެޅުމުގެ ޢަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މައިގަނޑު އަމާޒަކީ ދޫކޮށްފައިވާ ބިންތައް ރައްޔިތުންނާ ޙަވާލުކުރުމާއެކު، އެތަންތަނުގައި އަވަހަށް އާބާދުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމެވެ.
ކުރީ ސަރުކާރުން ހުޅުމާލެ 3، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކަން ޙަވާލުކުރީ އެ ތަންތަނުންނާއި ތިލަފުށިން އަގުހުރި ބިންތަކެއް ހިއްކާ ފަރާތަށް ދޭ ގޮތަށް ކަމަށް ވިޔަސް، އެ ބިންތަކަކީ ޤައުމީ ތަރައްޤީގެ އެކި ބޭނުންތަކަށް ނުހަނު މުހިންމު ބިންތަކަކަށް ވާތީ، މި ސަރުކާރުން އެ ސިޔާސަތު ބަދަލުކޮށް އެމްއޭސީއެލް މެދުވެރިކޮށް ކޮންޓްރެކްޓަރުން ހޯދައިގެން މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ހަމަޖެއްސި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، 100 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމަށްފަހު މެދުއިރުމަތީގެ ޙާލަތާއި ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން މަސައްކަތް މެދުކެނޑުނު ނަމަވެސް، މިހާރު އަލުން އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ބާކީ ބައި ހިއްކައި ނިމެންވާއިރަށް ބިމުގެ ސާރވޭގެ މަސައްކަތްތައް ނިންމައި ގޯތިތައް ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ގުޅިފަޅާއި ހުޅުމާލެ 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިންތަކުގައި ވަށާފާރު ރޭނުމާއި އެހެނިހެން ތައްޔާރީތައް ވުމުގެ ހުއްދަ އެޗްޑީސީ މެދުވެރިކޮށް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ވަޒީރު މުއްޠަލިބު ވަނީ ދެއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.