ލ. ކުނަހަންދޫގައި ސަރުކާރުން ކުރިއަށްގެންދާ އައުޓްޑޯ ވޮލީ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، ޓާފް ބެޑް ތައްޔާރުކުރުމާއި ފެންސް ޖެހުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ކުނަހަންދޫގެ ކުޅިވަރުގެ ވަސީލަތްތައް ހަރުދަނާކޮށް، އެ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ކޯޓުގެ ޓާފް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ގޮތުން ޓާފް ބެޑް ހެދުމުގެ މަސައްކަތާއި، ކޯޓު ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތްތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ރަށްރަށުގެ ޒުވާނުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން މަސައްކަތް ކުރަމުން ދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، ވީހާވެސް އަވަހަކަށް މި ވޮލީ ކޯޓުގެ މަސައްކަތް އެއްކޮށް ނިންމައި ކުނަހަންދޫގެ ރައްޔިތުންނާއި ޒުވާނުންނަށް މި ވަސީލަތް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.