ލ. މާވަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އާބާދީގައި ގާތްގަނޑަކަށް 2،200 މީހުން ދިރިއުޅެމުން އަންނަ މާވަށަކީ ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މާވަށު ކައުންސިލުން ފާހަގަކުރާ ގޮތުގައި އެ ރަށުން އެއްވެސް ބޭނުމަކަށް ދޫކުރާނެ ބިމެއް ނެތްތާ މިހާރު 20 އަހަރު ވަނީ ވެފައެވެ. މި ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން އެންމެ ފުރަތަމަ ނިންމެވީ އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި މާވަށަށް ވަޑައިގަތުމުން، ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހިއްސާކުރީ ބިމުގެ ދަތިކަމުގެ ޝަކުވާއެވެ. އެހެންކަމުން، ރައްޔިތުންގެ އެދުމަށް އިޖާބަދެއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ކަނޑައެޅި 15 ހެކްޓަރުގެ އިތުރަށް އަނެއްކާވެސް 15 ހެކްޓަރު އިތުރުކުރައްވައި، ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 15 ހެކްޓަރު ހިއްކުމުގެ މަސައްކަތް މިދިޔަ އޯގަސްޓު މަހު ވަނީ އެއްކޮށް ނިންމާލާފައެވެ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ މަޢުލޫމާތު ދެއްވި ގޮތުގައި ފުރަތަމަ ފިޔަވަހި ނިމި، މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބޮޑުބައެއްގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ މި ފިޔަވަހީގެ ބާކީ ބައިގެ މަސައްކަތްތަކެވެ.

ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު ނިމުމުން، އެ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި، އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ފަދައިން، އަލަށް ހިއްކާ ސަރަޙައްދުގައި ބޮޑު ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކުރުމަށްވެސް ވަނީ ރޭވިފައެވެ.

ރާއްޖޭގެ އެހެން ރަށްރަށާ ޚިލާފަށް މާވަށަކީ ޢާންމުކޮށް މޫދަށް އެރިލާނެ ގޮނޑުދޮށެއް ނެތް ރަށަކަށް ވާތީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްހަމަޖެހުމަށްޓަކައި އަލަށް ހިއްކާ ސަރަޙައްދުގައި ޚާއްޞަ މޫދު ސަރަޙައްދެއް ތަރައްޤީ ކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު ބައެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރެއެވެ.